ވާދޫގެ ޒުވާނުން ހިތްހަމަ ނުޖެހުނީ މީދާ މުބާރާތް ބާއްވާތީކީ ނޫން
ރ. ވާދޫ ޒުވާނުން ހިތްހަމަނުޖެހިގެން އިހްތިޖާޖަށް ނުކުރީ މީދާ ހިފާ މުބާރާތެއް ކައުންސިލުން އިންތިޒާމް ކުރީމާ ނޫންކަމަށާއި، އެކަމަކު އެމީހުން ނުކުންނަން ޖެހުނީ ފުޓްސަލް މުބާރާތަށް ތާއިދު ނުލިބި މީދާ މުބާރާތަށް ކައުންސިލްގެ މެޖޯރިޓީ ވޯޓް ލިބުމުން ކަމުގައި ވާދޫގެ ބައެއް ޒުވާނުން ބުނެފިއެވެ.
ވާދޫގެ ބައެއް ޒުވާނުންމިހެން ބުނެފައިވާއިރު ، މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކުންވެސް އެނގެނީ ފުޓްސަލް މުބާރާތެއް ނުބޭއްވިގެން އުޅޭކަމެވެ. އެ ޒުވާނުން ހިތްހަމަނުޖެހުން ފާޅުކޮށް ލިޔެފައިވާ ބޯޑުތަކުން އެފަދަ މެސެޖްތައް ފެނެއެވެ. “ބޭނުންވަނީ މީދާ މުބާރާތެއް ނޫން، ފުޓްސަލް މުބާރާތެއް”، “ކައުންސިލްގެ މެޖޯރިޓީ ފުޓްސަލް މުބާރާތަށް ނުލިބި މީދާ މުބާރާތަށް ލިބިއްޖެ” މިފަދަ އިބާރާތްތައް އެ ބޯޑުތަކުގައި ލިޔެފަވެއެވެ.
ރ. ވާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި މީދާ ހިފުމުގެ މުބާރާތެއް ބާއްވަން ނިންމުމުން އެކަމާ އެރަށުގެ ބައެއް ޒުވާނުން ހިތްހަމަނުޖެހުންފާޅުކޮށްފައިވާއިރު ވާދޫ ކައުންސިލުން 22 ނޮވެމްބަރ 2021 ވީ ހޯމަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މީދާ ހިފުމުގެ މުބާރާތެއް ކުރިއަށް ގެންދާ އެންމެ ބޮޑު މަޤުޞަދަކީ ރަށުގައި މީދާ އިތުރުވުމުގެ ސަބަބުން، މީދަލުގެ ފަރާތުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުން ކަމަށެވެ.
މި މުބާރާތް ޖުމްލަ ދިހަދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 18:00 ގައެވެ. މުބާރާތް ނިންމާލުމަށް ހަމަޖެހިފައި ވަނީ 05 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައެވެ.
މިމުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެ ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށް ފަހު 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެ އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މީދާ އިތުރުވުމުގެ ސަބަބުން، މީދަލުގެ ފަރާތުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުން ވާދޫ ކައުންސިލުން މި މުބާރާތް ބާއްވަން ޢިއުލާންކޮށްފައި ވަނިކޮށް އެރަށު ޒުވާނުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

