ޚަބަރު

ލަދުވެރި ކަމާއިއެކު ދަންނަވަން، މެމްބަރު އިކްރާމްގެ ޓްވީޓުގައި އެވަނީ އެމްޑީޕީގެ ވިސްނުމެއްނޫން – ހަސަން ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ދިގައްރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ކުރެއްވި ޓްވީޓަކާއިމެދު ލަދުވެތިވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅުންހުރި ލިޔުންތައް

ހަސަން ލަދުވެތިވާކަމަށް ވިދާޅުވި ޓްވީޓްގައި އިކްރާމް ވިދާޅުވެފައިވަނީ ގްރޭޓާރ މާލެ ސަރަހައްދަށް ސިޓީ ކައުންސިލެއް ބޭނުން ނުވާކަމަށާއި، މިސަރަހައްދުގެ އެންމެހައި ކަންކަން ކުރަންވީ މައި ސަރުކާރުން ކަމަށެވެ.  

އިކްރާމް ކުރެއްވި ޓްވީޓާއި ގުޅިގެން ހަސަން ކުރެއްވި ކުރު ޓްވީޓުގައި ވިދާޅުވީ އިކްރާމްގެ ވާހަތަކާއިމެދު ލަދުވެތިވާކަމަށެވެ. އަދި އެމްޑީޕީއަކީ އިކްރާމް ވިދާޅުވިފަދަ ގޮތަކަށް ކަންކަން ކުރާ އަދި އެވިސްނުމަށްވެސް ތާއީކުރާގެ ޕާޓީއެއް ނޫންކަމަށް ހަސަން ވިދާޅުވިއެވެ.

ލަދުވެރި ކަމާއިއެކު ދަންނަވަން. މެމްބަރު އިކްރާމް ހަސަންގެ ޓްވީޓުގައި އެވަނީ އެމްޑީޕީގެ ވިސްނުމެއްނޫން.

– ހަސަން ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް ސިޔާސަތެވެ. މިސިޔާސަތުގެ ދަށުން ކުރިން އޮތް ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކަށް ބާރުދޫކޮށްލައި އެކުލަވާލި ޤާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ ސާފު އައިލަބިއްޔަތު ނަގާފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންނެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ. އިކްރާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލެ ސިޓީ އޭރިއާ ނުވަތަ ގްރޭޓާ މާލެ އޭރިއާއަކީ އެއްވެސް ހާލެއްގައި ސިޓީ ކައުންސިލެއް އޮންނަންޖެހޭ ތަނެއް ނޫންކަމަށެވެ. މިއީ މައި ސަރުކާރު ހިންގާ ސިޓީއަށް ވެފައި މިސިޓީގައި އިތުރު ކައުންސިލެއް އޮންނަން ޖެހޭކަމަށް ނުދެކޭކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.

މައި ސަރުކާރު ހިންގާ ސިޓީގައި އެންމެ މަސްލަހަރު ރަނގަޅު ގޮތަކީ މައި ސަރުކާރުން އެ ސިޓީ ހިންގުން. ގްރޭޓާ މާލެ އޭރިއާގައި ސިޓީ ކައުންސިލެއް ބޭނުމެއްނުވޭ.

– އިކްރާމް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް މިއަހަރު 12 އަހަރު ފުރިގެންދިޔައިރު، ރައްޔިތުންނަށް ލިބިގެން މިދިޔަ ޤާނޫނީ ބާރުވެރިކަމާއެކު ރައްޔިތުންނާއި ސަރުކާރުންވެސް އެންމެބޮޑަށް އުއްމީދު ކުރަމުންދަނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމެވެ. އަދި މިކަން ކުރުމަށްޓަކައި ބަޖެޓާއި، ވަސީލަތްތަކާއިއެކު ކައުންސިލްތަކަށް ބާރުވެރިކަން ސަރުކާރުންވަނީ ދޫކޮށްލާފައެވެ.

މާލެ ސިޓީއަކީ ރާއްޖޭގެ ވެރިކަންކުރާ ސިޓީ އަށްވާއިރު، މާލެ ސިޓީގެ މެޖޯރިޓީ ކޮންޓްރޯލް ކުރަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close