ޚަބަރު

ކުރިއަށްއޮތް ދެދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ކުރިއަށްއޮތް ދެދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަ ކުރައްވައިފިއެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ރާއްޖެ މަތީ އުފެދިފައިވާ ވިލާގަނޑުގެ ބާރު ގަދަކަމަށާއި އިތުރު ވިލާތައް ރާއްޖެ މައްޗަށް ޖަމާވަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މެޓު އޮފީހުން ވިދާޅުވީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ވިލާގަނޑުގެ ބާރު ކުރިއަށްއޮތް 24 ގަޑިއިރުވެސް ގަދަވާނެކަމަށާއި މީގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. މިދުވަސްވަރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވީނަމަވެސް ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓު އޮފީހުން މިހާރުވަނީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ. އެހެންކަމުން މިސަރަޙައްދުތަކުގައި ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެންހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ގާތްގަނޑަކަށް 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close