ޚަބަރު

އިންކުއަރީއަށް އެއްވެސް ފަރާތަކުން ހުރަސް އަޅައި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ފާހަގަވެފައި ނުވޭ – އަސްލަމް

ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލިގޮތެއް ބެލުމަށް ކުރިއަށް ގެންދާ އިންކުއަރީއަށް އެއްވެސް ފަރާތަކުން ހުރަސް އަޅައި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ފާހަގަވެފައި ނުވާ ކަމަށާއި، ސަރުކާރުގެ އެއްވެސް އިދާރާއަކުން މި މަސައްކަތަށް ހުރަސް އަޅަން މަސައްކަތެއް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ވެސް ލިބިފައި ނުވާ ކަމަށް 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކޮމިޓީން ކުރިއަށް ގެންދާ ޕާރލިމެންޓްރީ އިންކުއަރީއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ސީދާ ރައީސް ޞާލިހު ވެސް އިންކުއަރީ ރަނގަޅަށް ކުރިއަށް ގެންދަން އެދިވަޑައިގެންފައިވާކަމަށެވެ.

މަޖިލީހުގެ ރައީސްގެ ނުފޫޒެއް ވެސް ކޮމިޓީގެ މަސައްކަތަކަށް ނެތް ކަމަށާއި، ވަކި ފަރުދަކާ ގުޅުން ހުއްޓަސް، ކޮމިޓީން ބަލަނީ ގައުމީ މައްސަލައެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ، މިއީ ގައުމީ ސަލަމާތާ ގުޅުން ހުރި މަސައްކަތެއްކަމަށް ދެކިގެން ކޮމީޓީން މަސައްކަތް ކުރަނީ ވެސް އެގޮތަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

އެއްވެސް ބޭފުޅަކު ކޮމިޓީއަށް ހާޒިރުނުވި މައްސަލައެއް އަދި ދިމާ ނުވާ ކަމަށާއި،  ކޮމިޓީއަށް ހާޒިރުވާން މިހާތަނަށް އެންގި ސިފައިންގެ ބޭފުޅުން ވެސް އަދި އެހެން ބޭފުޅުން ވެސް ހާޒިރުވި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތުތައް ހޯދަން މިހާތަނަށް ހަތް ފަރާތަކާ ބައްދަލުކޮށް ކޮމިޓީން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށާއި، އޭގެ ބޭރުން އިތުރު ފަސް ބޭފުޅެއްގެ ފަރާތުން ވެސް މައުލޫމާތު ހޯދާފައިވާނެ ކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

އިންކުޔަރީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވެސް ލިބެންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މައުލޫމާތު ހޯދަން އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ވެސް މަޖިލީހަށް ޖަވާބުދާރީ ނުވުމުގެ ޖާގައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަަމަށް ވިދާޅުވިއެވެ. އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ކޮމިޓީން އެކަމަކާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

ކޮމިޓީން ކުރަނީ ހަމަލާގެ ތަހުގީގެއް ނޫން ކަމަށާއ، ކޮމިޓީން ބަލަނީ  ސެކިޔުރިޓީ ބްރީޗުވި ގޮތާއި އިންޓެލިޖެންސް ނިޒާމް މަސައްކަތް ކުރާ ގޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް ކޮމިޓީއަށް ހޯދިފައިވާ ހޯދުންތައް އަދި ހާމަ ކުރައްވަން ދަތި ކަމަށާއި، މި މަހުގެ ފަހު ހަފްތާގައި މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close