މިރޭ ހަނދު ނުފެންނާނެ – މައުމޫން
ޝައްވާލު މަހުގެ ހަނދު މިރޭ ރާއްޖެއަށް ނުފެންނާނެކަމަށް މަޝްހޫރު ފަލަކީ ޢިލްމްވެރިޔާ ، ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫނު ޢަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއަށް މިއަދު އިރުއޮއްސުމުގެ 14 މިނިޓް ކުރިން ހަނދު އޮއްސޭނެކަމަށާއި، އެހެންކަމުން މިރޭ ހަނދު ރާއްޖެއަށް ނުފެންނާނެކަމަށެވެ.
މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މާލޭގައި ނަމަ ހެކިބަސް އަދާކުރަން ޖެހޭނީ މާލޭގެ ކޯޓެއްގެ ގާޒީގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައެވެ.
އަދި އެރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ނެތް ނަމަ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައެވެ.
ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މުހިންމު މަޢުލޫމާތު ދޭންޖެހޭނެއެވެ.



