ހައްޔަރުކުރި 3 މީހުންގެ ބަންދަށް 15 ދުވަސް
މިދިޔަ ބުރާސްފަތި ދުވަހުގެރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފިއެވެ.
މިމީހުންނަށް 15 ދުވަސް ބަންދަން ޖަހާފައިވާއިރު، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން މިމީހުންގެ ވަނަވަރު ވަނީ ޢާއްމުކޮށްފައެވެ. މި ތިން މީހުންނަކީ ތަހުމީން އަޙްމަދު، މުޖާޒް އަޙްމަދު އަދި އަދުހަމް އަޙްމަދު ރަޝީދެވެ. އެގޮތުން މިއަދު ހެނދުނު ހުޅުމާލެއިން ހައްޔަރުކުރި އަދުހަމަކީ، މި ހަމަލާގައި ބޭނުންކުރި އައިއީޑީ ގޮއްވާލި މީހާއެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އަދުހަމް އެ އައިއީޑީ ގޮއްވާލުމާއި ހަމައަށް ހަރަކާތްތައް ބެހެއްޓި ގޮތާއި، އެއަށްފަހު ޢަމަލުކުރި ގޮތްތަކުގެ ސީސީޓީވީ ފުޓޭޖްތައް އާންމުކޮށްފައެވެ. އެގޮތުން އަދުހަމް އެ އައިއީޑީ ގޮއްވާލުމަށް އަތަމާ ޕެލެސް ހޮޓެލަށް ވަންނަ ސަރަޙައްދުގައި ވަރަށް ގިނައިރު ވަންދެން ހުންނަތަން ފެނެއެވެ. އެވަގުތު އޭނާގެ އަތުގައި ރިމޯޓެއް އޮންނައިރު، އެތަނުގެ ފާރުގައި ލެނގިގެން ހުރެ ދޭތެރެއަކުން ފޯނުން މީހަކާއި ވާހަކަ ދައްކާ މަންޒަރު ފެނެއެވެ.
ފުލުހުން އާންމުކުރި މަންޒަރުތަކުން ފެންނަ ގޮތުގައި އަދުހަމް ވަނީ އަތަމާ ޕެލެސްއަށް ވަންނަ ތަނުގެ ތަނބެއް ކައިރީގައި ހުރެ އެ އައިއީޑީ ގޮއްވާލާފައެވެ. އެވަގުތު އެތަނުގައި ތިބި އެހެން މީހުން ބިރުން އެތެރެއަށް ދުވެފައި ވަންއިރު، އަދުހަމްގެ މިސްރާބު ހުރީ އެ ސަރަޙައްދު ދޫކޮށް ދިއުމަށެވެ.
އެއަށްފަހު މާލޭ އެކި ތަންތަނުގައި އަދުހަމް އަދި މުޖާޒް އެކި ސަރަޙައްދުތަކުގައި އެކުގައި އުޅެފައިވާ ސީސީޓީވީ މަންޒަރުތަކެއްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. މި ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ތިން މީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް ތިން މީހުންނެވެ. އަދި މި މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނާއި ބައިވެރިވާ ފަރާތްތަކެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
