ޚަބަރު

އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ތިބީ ކޯވިޑް-19 އަށް ޕޮޒިޓިވް 3 މީހުންނެވެ. އެއީ 3 ދިވެހިންނެވެ. އެހެން އެންމެވަނީ ރަނގަޅުވެފައެވެ.

މިއަދު މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ ރޯޔަލް އައިލެންޑް ރިޒޯޓުގެ ކަރަންޓީނު ފެސިލިޓީގައި ހުރި ދިވެއްސެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވެއެވެ. މިމީހާއަކީ އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައި މީހެކެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި ތިން ދިވެހިންނަކީވެސް އިނގިރޭސިވިލާތުން އައިސް ކަރަންޓީންގައި ތިބި މީހުންނެވެ.

މިއާއެކު މިހާރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ޢަދަދު މިވަނީ 18 އަށް އިތުރުވެފައެވެ. އަދި އެ އަށާރަ މީހުންގެ ތެރެއިން 13 މީހުން ވަނީ މި ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި ދެ މީހުންނަކީ ރާއްޖެ ދޫކޮށް ދިޔަފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ސާމްޕަލްތަކުން ދެއްކި އިޓަލީވިލާތުގެ ދެމީހުންނެވެ.

އަދި މިހާރު މި ބައްޔަށް ފަރުވާދެމުން އަންނަ 3 ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

ކޯވިޑް-19އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާއާ، ސީދާ ދިމާވި 29 މީހަކު ހޯމް އައިސޮލޭޝަންގައި ބައިތިއްބާފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ހާމަކުރައްވާފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 18 އަށް އިތުރުވެފައި ވީނަމަވެސް، “ކޮމިއުނިޓީ ސްޕްރެޑެއް” ނުވަތަ ޢާންމުންގެ ތެރޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ނިޝާނެއް ނެތްކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ބަލިން ރައްކާތެރިވުމަށްޓަކައި ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close