ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތްތައް ކުޑަކުރުމަށް ރައީސް ނަޝީދު ތާއީދުކުރައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ ޕެންޝަން ކުޑަކުރުމަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރެއްވީ، ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް ދޭ ބައެއް އިނާޔަތްތައް ކުޑަކުރުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އެމަނިކުފާނަށްވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ޕޯސްޓުގައި ޅެން ބައިތެއްވެސް ހިމަނާފައިވެއެވެ: “ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން، ތިބޭ ނަމައީ ފިކުރުކޮށްގެން، މި ބޭޒާރެއް ނުވެސް ވާނެ.”
ރައީސް މުއިއްޒު ވަނީ، ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމަށްފަހު ޕެންޝަން އިނާޔަތް ލިބޭ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، އެ ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލުމަށް ގަވާއިދުތައް އިސްލާހުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ކުރީގެ ރައީސުންނަށް އެއް ދައުރަށް 50،000ރ، ދެ ދައުރަށް 75،000ރ ގެ އިނާޔަތެއް ލިބިވަޑައިގަންނަވައެވެ. މީގެ އިތުރުން ދިރިއުޅޭނެ ތަނުގެ ކުއްޔަށް 50،000ރ އަދި އޮފީސް ހިންގުމުގެ ހަރަދަށް 175،000ރ ލިބޭއިރު، މިހާރު އެންމެ ބޮޑު އިނާޔަތެއް ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށެވެ. ކުރީގެ މެންބަރުންނަށް އުމުރުން 55 އަހަރުވުމުން އެއް ދައުރަށް މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރަށް 45 އިންސައްތަ ލިބޭނެއެވެ. އަދި ހެލްތު އިންޝައަރެންސްވެސް ހަމަޖައްސައިދެއެވެ.