ޚަބަރު

“ސްމޯލް ޓެލްކޯ އޮފް ދަ އިޔަރ” އެވޯޑް ޖެހިޖެހިގެން ދެވަނަ ފަހަރަށް އުރީދޫ އަށް

އުރީދޫ މޯލްޑިވްސް އަށް ޖެހިޖެހިގެން ދެވަނަ އަހަރުވެސް ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގެ “ޓެލްކޯ އޮފް ދަ އިޔާ – ސްމޯލް މާކެޓްސް” ގެ ޝަރަފު ލިބިއްޖެއެވެ. މި އެވޯޑް އުރީދޫއަށް ލިބިފައިވަނީ ދިވެހިރާއްޖެ، ބުރުނާއީ އަދި ބޫޓާން ފަދަ ޤައުމުތަކުގެ ޓެލްކޯތަކާ ވާދަކޮށެވެ.

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް އަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ކުރިއަރާފައިވާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ. “ސްމޯލް މާކެޓްސް” ކެޓަގަރީގައި ވާދަކުރަނީ އާބާދީގައި 2 މިލިއަނަށްވުރެ މަދު މީހުން ދިރިއުޅޭ ޤައުމުތަކުގެ ޓެލްކޯ އޮޕަރޭޓަރުންނެވެ. މިއަހަރުގެ މުބާރާތުގައި އުރީދޫ މޯލްޑިވްސްއާ ވާދަކޮށްފައިވަނީ ދިރާގު (ރާއްޖެ)، ޑީއެސްޓީ (ބްރޫނާއީ)، އަދި ބޫޓާން ޓެލެކޮމް ފަދަ ކުންފުނިތަކެވެ.

މި ވާދަވެރި ކެޓަގަރީން އުރީދޫ މޯލްޑިވްސްއަށް މި ޝަރަފު ލިބިފައިވަނީ ކުންފުނީގެ ޑިޖިޓަލް އިނޮވޭޝަން، އެންމެން ޝާމިލުކުރާ ޚިދުމަތްތައް، އަދި ރާއްޖޭގެ ޑިޖިޓަލް މާޙައުލު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. “ޑިޖިޓަލް މޯލްޑިވްސް” ތަސައްވުރުގެ ދަށުން 5ޖީ ފުޅާކުރުން، އެމް-ފައިސާ މެދުވެރިކޮށް ފިންޓެކް އިނޮވޭޝަން، އޭއައި ޑްރިވެން ޑިޖިޓަލް އެކްސްޕީރިއަންސް، އަދި މުޖުތަމަޢީ އިސްނެގުންތަކަށް އެކުންފުނިން ކުރާ އިންވެސްޓްމަންޓްތައް މި އެވޯޑުން ފާހަގަކޮށްފައިވެއެވެ.

މި ކާމިޔާބީއާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ޚާލިދު އަލް ހަމާދީ ވިދާޅުވީ، “ޖެހިޖެހިގެން ދެވަނަ އަހަރަށް މި އެވޯޑް ލިބުމަކީ އަޅުގަނޑުމެންގެ ޓީމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. މިއީ ދިވެހިރާއްޖެ ޑިޖިޓަލްކޮށް ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތް ހާމަކޮށްދޭ ކަމެއް. އަޅުގަނޑުމެން މި އެވޯޑް ހުށަހަޅަނީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނަށާއި، އަގުހުރި ކަސްޓަމަރުންނަށާއި، ޕާޓްނަރުންނަށް. އެފަރާތްތަކުގެ ސަޕޯޓާއި އެއްބާރުލުމުގެ ސަބަބުން، އަޅުގަނޑުމެން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް، އިތުރަށް ގުޅުންހުރި ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުމަށް އަބަދުވެސް ހިތްވަރު ލިބޭ.” ޚާލިދު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ ޑިޖިޓަލް ފަރަގުތައް ނައްތާލައި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާންމު ދިރިއުޅުމުގެ ތަޖުރިބާތައް ރަނގަޅުކޮށް، ޤައުމީ ކުރިއެރުމަށް މަސައްކަތްކުރުމުގައި ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close