އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ ދައުރު ހަމަވާތީ، އެ ކޮމިޝަންގެ މެންބަރެއްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނުގައި ވާގޮތުން، މެންބަރުކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހު 30 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.
މެންބަރުކަމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ މި މަހު 29 އަދި 30 ވަނަ ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:30 އާ ދެމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. ހަބީބު އެ ކޮމިޝަނުގެ މެމްބަރެއްގެ މަގާމަށް އައްޔަނު ކުރީ މާޗް 13، 2019 ގަ އެވެ.
އިލެކްޝަންސް ކޮމިޝަނުގައި ފަސް މެމްބަރުން ތިބެންޖެހެ އެވެ. ހަބީބުގެ އިތުރުން އެ ކޮމިޝަނުގެ މެމްބަރުންނަކީ ރައީސް ފުއާދު ތައުފީގާއި ޑރ. މުހައްމދު ޒާހިރާއި މުހައްމަދު އާސިފް އާއި އަލީ ނަޝާތެވެ.
