ރިސޯޓު ތަރައްޤީކުރަން ތިލަދުންމަތިން އިތުރު 3 ރަށެއް ބީލަމަށް ހުޅުވާލަނީ
ތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އަންނަ ހަފްތާތެރޭގައި އިތުރު 3 ރަށެއް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާއިރު، އެ ސަރަޙައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއަރޕޯޓާއެކު ތިލަދުންމަތީގައި 8000 ފަތުރުވެރިކަމުގެ އެނދު ތަރައްޤީކުރުމަށް ސަރުކާރުންވަނީ އަމާޒް ހިފާފައެވެ.
ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ. އެކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢުކަމަށް ސަރުކާރުން ވިދާޅުވެއެވެ.

