އެކްރެޑިޓް ނުކުރާ ކޯހެއްކަމަށް ބުނާ ކޯހުގެ މައުލޫމާތު އެވިޑުން ބަދަލުކޮށްފި
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓް ނުކުރާ ކޯހެއް އެވިޑް ކޮލެޖުން އިޝްތިހާރު ކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް އެމްކިއުއޭއިން ޢާއްމުކޮށް އިއުލާން ކުރުމާއި ގުޅިގެން އެ ކޯހުގެ މައުލޫމާތުތައް އެވިޑް ކޮލެޖުން ބަދަލުކޮށްފިއެވެ.
އެމްކިއުއޭގެ އެކްރެޑިޝަނާ ޚިލާފަށް ކޯހުގެ މުއްދަތުގެ މައުލޫމާތު ހިމަނާފައި އޮތުމާއެކު، އެކްރެޑިޓް ނުކުރާ ކޯސްތަކެއް ކަމަށް ބުނެ އެކަމަށް ސަމާލުވުމަށް އަންގައި އެ އިދާރާއިން ނޫސް ބަޔާނެއް ވަނީ ނެރެފައެވެ.
އެ ބަޔާނާ ގުޅިގެން އެވިޑުން ނެރުނު ނޫސް ބަޔާނެއްގައިވަނީ އެ ކޮލެޖުން އިޝްތިހާރު ކުރުމުގައި ކޯހެއްގެ މައުލޫމާތު ލިޔުމުގައި ނުބައިކޮށް ލިޔެވިފައިވާ ކަމަށާއި، ކުށް ލިޔެވުނު ކޯސްތަކުގެ މައުލޫމާތު އިސްލާހުކުރުމަށް ފަހު އާންމުކޮށްފައިވާކަމަށެވެ.
އެގޮތުން އޭސީސީއޭ އެޕްލައިޑް ނޮލެޖަކީ، އެއް އަހަރު ދުވަހުގެ މުއްދަތަކަށް، ހިންގާ ލެވެލް ފަހެއްގެ ކޯހެކެވެ. އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ ލެވެލް ހަތެއްގެ ޕްރޮގްރާމެކެވެ.
އެވިޑުން ބުނީ މި ދެ ޕްރޮގްރާމަކީ ވެސް އެމްކިއުއޭއިން އެކްރެޑިޓްކޮށް، ހިންގަން ހުއްދަ ދީފައިވާ ކޯސްތަކެއް ކަމަށެވެ.
ނަމަވެސް އެ ކޯސް އިޝްތިހާރުކުރުމުގައި ލިޔެވިފައިވާ ކުށް އެ ކޮލެޖުގެ ސަމާލުކަމަށް އެމްކިއުއޭއިން ގެނައީ، އެ ކޯހާ ގޫޅޭގޮތުން ބަޔާނެއް ނެރެ، ކުށް އިސްލާހުކުރުމަށް ވެސް އެއްވެސް ފުރުސަތެއް ނުދީކަމަށް އެވިޑު ކޮލެޖުން ބުންޏެވެ.
“މި ގޮތަށް އެމްކިއުއޭއިން އަމަލުކުރެއްވުމުގެ ސަބަބުން، އިޝްތިހާރު ވަގުތުން އިސްލާހުކުރުމަށް އޮތް، ފުރުސަތު މި ކޮލެޖަށް ގެއްލި ދިޔައެވެ. ހަމައެހެންމެ، ނުނިޔަތެއްގައި، އިޝްތިހާރު ކުރި ކަމުގައި ދޭހަވާފަދަ ގޮތަކަށް ނޫސް ބަޔާން ނެރެފައިވާތީ ވެސް މި ކޮލެޖުން ހިތާމަކުރަމެވެ،” އެ ކޮލެޖުން ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން، އެއީ ފަށަން ތައްޔާރުވަމުން އަންނަ ކޯހެއް ކަމަށާއި އެ ކޯސް އަދި ނުހިންގާ ކަމަށް ވެސް އެވިޑުން ބުންޏެވެ.
މިފަހަކަށް އައިސް ރާއްޖޭގެ އަމިއްލަ ކޮލެޖްތަކުން، ވިޔަފާރިއަށް ކޯސްހިންގާ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އެމްކިއުއޭއިން މަސައްކަތް ކުރަމުން ދަނީ “ފެންވަރުދަށް ކޮލެޖް ތަޢުލީމް” އަލުން އާ ހަރުފަތަކަށް ގެނެވޭތޯއެވެ.
