ޑރ.އިޔާޒްގެ ވަޒީފާ އަލުންދޭން އަމުރުކޮށްފި
ދިނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި އަދާކުރަމުންދިޔަ ވަޒީފާއަށް ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމައި އަލުން ވަޒީފާ ދޭން އަމުރުކޮށްފިއެވެ.
ޑރ.އިޔާޒު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި އަދާކުރަމުންދިޔައީ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމެވެ. ޤައުމީ ޔުނިވާސިޓީގެ ވަޒީފާއިން ކުއްލި ގޮތަކަށް ޑރ.އިޔާޒު ވަކިކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ވަނީ އެ އިދާރާއިން ގޮތްތަކެއް ނިންމުމުގެ ކުރީން އިޔާޒު އަދާކުރަމުންދިޔަ ވަޒީފާއަށް ދާއިމީ މީހަކު ހަމަނުޖެއްސުމަށާއި ވަޒީފާ އިއާދަކުރުމަށް ނިންމާ ހާލަތެއްގައި އެކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު އަންގާފައެވެ.
އަހަރެއްހާ ދުވަހު ޑރ.އިޔާޒުގެ ހައްގު ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގައި މިއަދު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ވަނީ ޑރ.އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޔާދަކުރުމަށް އަމުރުކޮށްފައެވެ. އަދި ކުރިން ލިބުނު މުސާރައާއިއެކު 7 ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމަށް ވަނީ އަމުރުކޮށްފައެވެ.
މިދަތި އަދި ހިތާމަވެރި ވަގުތުގައި ހުރިހާ ގޮތަކުންވެސް އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަކިން ޚައްޞަކޮށް އަޅުގަނޑުގެ ޤާނޫނީ ވަކީލް އިބްރަހިމް ޝަމީލް ކޮށްދެއްވި ބުރަ މަސައްކަތް ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރަން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
މިމައްސަލާގައި ޑރ.އިޔާޒު މިޑިއާގައި މާގިނަ ވާހަކަތަކެއް ނުދެއްކެވިނަމަވެސް، އިޔާޒު ވަނީ ނާއިސާފުގެ ކުރިމައްޗަށް އިންސާފު އިސްވެ، އިންސާފު ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާއާއިމެދު އަޅާފައިވާ ފިޔަވަޅަކީ ވަކި މީހެއްގެ ވައުދެއް ފުއްދެވުމަށް އަޅާފައިވާ ބޭއިންސާފު ފިޔަވަޅެއްކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.


