މަހުލޫފް މައްސަލައިގެ ތަހުގީގަށް ލަންކާ މީހާގެ ބަޔާންނެގީ ގޯސްކޮށް – ރައީސްއޮފީސް
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނުން ސްރީލަންކާ ރައްޔިތެއްގެ ހެކިބަސް ހޯދާފައިވަނީ ގޯސްކޮށްކަމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފިއެވެ.
ރައީސް އޮފީހުން މިކަން އަންގާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ އެ ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައި ބުނީ އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލައަކާ ގުޅިގެން ބޭރު ގައުމެއްގެ ފަރާތެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރަންވީ އުސޫލުތަކެއްވާކަމަށެވެ.
އަދި އެ ފަރާތެއްގެ ބަޔާން ނެގުމުގެ ކަންކަން އިންތިޒާމް ކުރަނީ އެފަދަ ކަމެއްގައި އެހީތެރިކަން އެދޭ ގައުމުން ބަޔާން ބޭނުންވާ ފަރާތް ހުރި ގައުމުގެ ސަރުކާރުގެ ކިބައިން އެދިގެންކަމަށް އެ ސިޓީގައިވެއެވެ. އެގޮތުން ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަމަށް އެދި މިޔުޗިއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް ފޮނުވަންޖެހޭނެކަމަށްވެސް އެ ސިޓީގައިވެއެވެ.
“މިއީ ދިވެހި ރާއްޖޭގައިވެސް އަމަލުކުރަމުން އަންނަ އުސޫލުކަން އިސްވެ ހަވާލާ ދެންނެވުނު ނޯޓުގައި ބަޔާންކޮށްފައިވޭ. އެހެންކަމުން ތިޔަ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ކަންޑައުޑާ އަރައްޗަންގީގެ ބަޔާން ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ތިޔަ ކޮމިޝަނުން އަމަލުކޮށްފައިވަނީ މިފަދަ ކަންކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި ގާނޫނުގައިވާ ގޮތަށް ނޫންކަމަށް މިނިސްޓްރީގެ ނޯޓުގައި ބަޔާންކޮށްފައިވޭ،” ރައީސް އޮފީހުގެ ސިޓީގައި ބުންޏެވެ.
މަހުލޫފްގެ މައްސަލައިގައި ރައީސްއޮފީހުން މިފަދަ ބުނުމެއް ބުނެފައިވާއިރު މަހުލޫފަށް އެމްޑީޕީގެ ޤައުމީ މަޖްލިސްގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ނުލިބޭތީ އެމައްސަލަވަނީ އެލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

