ޚަބަރު

ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ މަޤާމަށް ޑރ.އަޝްރަފް އައްޔަނު ކުރައްވައިފި

ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަމުގެ މަޤާމަށް ޑރ.އަޝްރަފު އަބްދުއްރަޙީމް އަދި ނާއިބު ރައީސްކަމަށް ޒުލްފާ އިބްރާޙިމް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވައިފިއެވެ.

އަލަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ ދިވެހިބަހުގެ އެކެޑަމީގެ 3 މެންބަރެއްގެ، މެންބަރުކަމުގެ ދަޢުރު ހަމަވުމާ ގުޅިގެން އެކަޑަމީގެ މެންބަރުކަމަށް ހަމަޖެއްސެވި 3 ބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު “ދިވެހިބަހުގެ އެކެޑަމީ”އަށް އަލަށް އައްޔަންކުރެއްވި 3 މެންބަރުންނަކީ ދަފްތަރު.ނަންބަރު ރސ 1901 ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމާއި ޅ.ކުރެންދޫ ނޫރަންގެ ޒުލްފާ އިބްރާހީމާއި މ.ޑައިމަންޑްވެލީ މުޙައްމަދު ޝާހިދު ޙަލީމެވެ. ދަޢުރު ހަމަނުވެ “ދިވެހިބަހުގެ އެކެޑަމީ”ގަ މިވަގުތު ތިބި ދެ މެންބަރުންނަކީ މއ.އުރަހަ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން އަދި ޢިޔާޒު ޖާދުﷲ ނަސީމް، ދަފްތަރު ނަންބަރު 8255އެވެ.

އެކެޑަމީގެ ރައީސްއާ ނައިބު ރައީސް ހޮވުމަށް ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުން “ދިވެހިބަހުގެ އެކެޑަމީ”ގެ ރައީސްކަމުގެ މަޤާމަށް ހޮވިފައިވަނީ ޑރ.އަޝްރަފް އަބްދުއްރަޙީމްއެވެ. އަދި އެކެޑަމީގެ ނައިބަކަށް ހޮވާފައިވަނީ ޅ.ކުރެންދޫ ނޫރަންމާގެ ޒުލްފާ އިބްރާޙިމްއެވެ.

ޕީއެސްއެމްއާ ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް އަބްދުއްރަޙީމް ވިދާޅުވީ، އާ ދަޢުރުގައިވެސް ބަސް ކުރިއަރުވާ އުނގަންނައިދިނުމުގައި މުހިންމު މަސައްކަތްތައް ކުރައްވާނެކަމަށެވެ. އަދި މިހާރުވެސް ކާމިޔާބުކަމާއެކު އެކެޑަމީން ކުރިއަށްގެންދާ މަސައްކަތްތަކަށް ހުއްޓުމެއް ނުގެނެސް ކުރިއަށްގެންދަވާނެކަމަށެވެ.

ބަހުގެ އެކެޑަމީއަށް އައްޔަންކުރާ މެންބަރުންގެ ދަޢުރަކީ 5 އަހަރެވެ. ބަހުގެ އެކަޑަމީގެ ރައީސްކަމުގެ މަޤާމު މީގެކުރިން ފުރުއްވާފައިވަނީ އަޝްރަފު އަލީއެވެ. ނާއިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައި ވަނީ ރާފިޢާ ޢަބްދުލްޤާދިރުއެވެ. މި ދެ ބޭފުޅުންވެސް ވަނީ އެކެޑަމީގަ ދެ ދަޢުރު ފުރިހަމަ ކުރައްވާފައެވެ.

“ދިވެހިބަހުގެ އެކެޑަމީ”އަކީ ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ މުޢައްސަސާއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close