އިންޓަނެޓް ހެޔޮއަގުތަކުގެ އިންތިޒާރަށް ނިމުމެއް މިއަދު އަންނާނެ
ރާއްޖޭގައި އާންމުންނަށް ފޯރުކޮށްދޭ އިންޓަނެޓާ ގުޅޭގޮތުން ސަރުކާރުގެ އާ ސިޔާސަތާއި ހެޔޮ އަގުތައް އިއުލާނުކުރުން މިއަދު އޮންނާނެ ކަމަށް ސަރުކާރުން ބުނުމާއެކު އެކަމުގެ ދިގު އިންތިޒާރުގައި ތިބި ބަޔަކުގެ އިންތިޒާރަށް މިއަދު ނިމުން އަންނާނެއެވެ.
އިންޓަނެޓްގެ ހެޔޮއަގުތަކުގެ ދިގުއިންތިޒާރުގެ ނިމުން މިއަދު އަންނައިރު އެއިންތިޒާރުގެ ނިމުން ފޮނިވާނީ މަދުބަޔަކަށެވެ. އެހެނީ މިއަދު އިއުލާންކުރުމަށް ނިންމާފައިވާ އިންޓަނެޓްގެ ހެޔޮއަގުތަކަކީ ހަމައެކަނީ ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ފަރާތަކަށް ހެޔޮވެގެންދާ އަގުތަކެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުހިއްމު ވައުދެއް ކަމުގައި އިންޓަނެޓުގެ އަގުހެޔޮ ކުރުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތަށް ގެންނަ ބަދަލުތައް އިއުލާންކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހެނދުނު 10:00 ގައެވެ. މި ރަސްމިއްޔާތު ޓީވީތަކުންނާއި ރައީސް އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލުން ވަގުތުން ދުރަށް ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.
އިންޓަނެޓުގެ އަގުތަކަށް ހެޔޮ ބަދަލުތައް އަންނަނީ ހަމައެކަނި ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޝަންތަކަށެވެ. މި ބަދަލު ގެނައުމުން ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެ އެވެ. އެހެންނަމަވެސް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ނުލިބޭ ވަރަށް ގިނަބަޔަކު އަދިވެސް އަތޮޅުތެރޭގެ ރަށްރަށުގައި ތިބިކަން ހަނދާންކޮށްލަންޖެހެއެވެ.
ސަރުކާރުން ހުށައަޅާފައިވާ އަގުތަކަކީ:
5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ
15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ
25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ތިން ކުންފުންޏެއް އޮވެ އެވެ. އެއީ ދިރާގު، އުރީދޫ އަދި އާރްއޯއެލް އެވެ. މި ވިޔަފާރިތަކުން ހިދުމަތް ފޯރުކޮށްދޭ އަގުތަކަށް ބަލާއިރު، ސަރުކާރުގެ ހުށަހެޅުމުގައި ހިމެނޭ އިންޓަނެޓްގެ އަގުތައް ވަރަށް ބޮޑުތަން ކުޑަ އެވެ.
އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު ނުފުއްދި ގިނަ ދުވަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
Raajjeyga niyaavefa thibi emmen nah internet free vaane.