މާލެ ސަރަހައްދު ކޮންމެ ދުވަހަކު 3 ގަޑިއިރަށް ލޮކްޑައުން ކުރަން ނިންމައިފި
މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތުން ކޮންމެ ދުވަހަކު 3 ގަޑިއިރަށް މާލެސަރަޙައްދު ފުރަބަންދުކުރަން (ލޮކްޑައުން ކުރަން) ނިންމައިފިއެވެ. މިއީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި މީހުން އެއްވެއުޅުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެކެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު ބާޔާނެއްގައި ވިދާޅުވީ، މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް މީހުން މަގުމައްޗަށް ނިކުމެ އުޅުން ކޮންމެ ދުވަހަކު ތިން ގަޑިއިރަށް މަނާކުރާ ކަމަށެވެ.
މާލެ ސަރަހައްދުގައި މީހުން ނިކުމެ އުޅުން މަނާކޮށްފައިވަނީ އޭޕްރީލް ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާއި ހަމައަށެވެ.
މިގަޑިތަކުގައި އެއްވެސް ގޮތަކަށް މީހުނަށް މަގުމަތީގައި ނޫޅެވޭނެއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ކަމަށްވާ ބަހާއި، ފެރީގެ ޚިދުމަތް ދިނުން މަނާވާނެއެވެ.
ތިން ގަޑިއިރަށް މާލެ ސަރަހައްދު ފުރަބަންދުކުރި ނަމަވެސް ސަލާމާތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުއައްޒަފުންނާއި، އެ މުއައްޒަފުން ދުއްވާ އުޅަނދުތަކާއި، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުތައް، ވޭސްޓް މެނޭޖްމެންޓް މުއައްޒަފުން އަދި އުޅަނދުތައް، އުރީދު، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެކްލޯ، އެމްޑަބްލިޔުއެސްސީގެ ޔުނިފޯމު އެޅި ފަރާތްތަކާއި އެ ފަރާތްތައް ދުއްވާ އުޅަނދުތައް އިސްތިސްނާ ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދައުލަތުގެ ޖީ ބޯރޑު ޖެހި އުޅަނދުތަކާއި، ޑިޕްލޮމެޓިކް އުޅަނދުތަކާއި، އެމްބިޔުލާންސް، އެންއީއޯސީގެ ފާސް ލިބިފައިވާ އުޅަނދުތަކާއި، ފާމަސީ މުއައްޒަފުންނާއި އެމުއްޒަފުން ދުއްވާ އުޅަނދުތައް އަދި އެޗްޕީއޭއިން ދޫކޮށްފައިވާ ޚާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައްވެސް އިސްތިސްނާ ވާނެއެވެ.
އެޗްޕީއޭއިން މި ފިޔަވަޅު އަޅާފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވިދާޅުވެފައި ވަނިކޮށެވެ. އަދި ސަރުކާރު އޮފީސްތަކާއި، ސްކޫލުތައް އަދި ކޮލެޖުތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެން ވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންވެސް ވަނީ އެދިވަޑައިގެންފައެވެ.
އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާ އިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަން ވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުންވަނީ ފާހަގަ ކުރައްވާފައެވެ.

