ޚަބަރު

ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ޤުރުއާން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވި – އެޑިޔުކޭޝަން

މިއަހަރު ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ޤުރުއާން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވިކަމަށްވާތީ، މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ކީރިތި ޤުރުޢާނުން އިމްތިޙާނު ހެދުން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އެކަންކަމަށް ރިޔާއަތްކޮށް ކީސްޓޭޖް 4 ގެ ދަރިވަރުން ތައްޔާރުކުރެވެންދެން ޤުރުއާނުން އިމްތިހާނުކުރުމުގެ އުޞޫލަށް ޢަމަލުކުރުން ފަސްކުރުމަށް ނިންމާފައިވާކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ހުރިހާ ސްކޫލަކަށް ފޮނުވާފައިވާ ސާރކިއުލާގައި ވަނީ ޤައުމީ މަންހަޖެއް ތަންފީޒްކުރުމަކީ ވަކި އުސޫލަކުން ކުރާކަމެއްކަމަށާއި، މަންހަޖު ފުރިހަމައަށް ތަންފީޒްކުރާއިރު ޢަމަލީ ގޮތުން ކޮންމެ މަރުހަލާއެއްގައި ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެންޖެހޭކަމަށެވެ.

ނަމަވެސް ކީ ސްޓޭޖް 4ގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަކީ އެފަދަ ފުރުސަތުތަކެއް ލިބިފައި ނުވާ ދަރިވަރުންތަކެއްކަމަށްވެސް މި ސާރކިއުލާގައިވެއެވެ. އެހެންކަމުން އައު މަންހަޖު ފުރިހަމަ ކުރުމަކީ ދަރިވަރުންނަށް އޮތް ހުރަހެއްކަން ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިހާރު ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ޤުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މުޅިން އަލަށްކަމަށްވާތީ، އެ ފެންވަރުގައި ޤުރުއާން ކިޔަވައިދިނުމުގައާއި އިމްތިހާނުކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ.

މިގޮތަށް މިނިސްޓްރީން ނިންމާފައިވަނީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއ ކަމަގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހުކަމަށާއި، މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް މަޝްވަރާކުރި ގިނަ ފަރާތްތަކަށް ފެންނަކަމަށެވެ. ކީސްޓޭޖް 4 ގައި މިނެނެނީ ގްރޑް 9 އަދި 10 އެކެވެ.

ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސްކޫލްތަކުގައި ހަރުދަނާކުރުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނެކަމަށްވެސް އެޑިޔުކޭޝަން މިނިސްޓަރު ސްކޫލްތަކަށް ފޮނުވި ސާރކިއުލާގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close