ޚަބަރު

ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރެވޭތޯ މަސައްކަތް ފަށައިފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން، ކަފާލާތުގެ ދަށުން

މިނިވަން ކުރުމަށް މަސައްކަތްފަށާ އެމަސައްކަތުގެ ދަށުން އެމައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

އެކަން ހާމަކޮށް ރައީސް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ބެއިލް (ކަފާލާތް) އަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ، ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ އެފަދަ ހައްގުތައް ރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާ ކަމަށާއި އެހެން ކަމުން ރައީސް ޔާމީނަށް ވެސް ލަސްނުވެ ބެއިލްގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ހުށަހަޅާފައިވަނީ އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅިއިރު އެވެ.

ހައި ކޯޓުގެ ގަވާއދުގައިވާ ގޮތުން ދަށުކޯޓަކުން ހުކުމްކޮށްފައިވާ މީހަކު، ނުވަތަ ހައިކޯޓުން ހިންގާ ގަޒިއްޔާއެއްގައި ކުށުގެ ތުހުމަތުގައި ހުރި މީހަކު، ހައިކޯޓުން ގަބޫލު ކުރާފަދަ ކަފާލަތެއް ހުށަހަޅައިފިނަމަ، ހައިކޯޓުން އެމައްސަލައަކާ މެދު ނަޒަރު ހިންގުމުގެ ތެރޭގައި، ނުވަތަ ޝަރީއަތް ހިންގުމުގެ ތެރޭގައި އެމީހަކު ދޫކޮށްފައި ބެހެއްޓުމަކީ ހައިކޯޓުގެ އިހްތިޔާރުގައިވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވަ އެވެ.

ރައީސް ޔާމީން ވިދާޅުވަމުން ގެންދެވީ އެއީ ކެމްޕޭން ފައިސާގެ ގޮތުގައި އެކިއެކި ފަރާތްތަކުން އެމަނިކުފާނަށް ދިން ފައިސާ ކަމަށާއި އެ ފައިސާ ބެލެހެއްޓީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ. އަދި އަދީބު އެފައިސާ އަށް ޚިޔާނާތްތެރިވީކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close