ހޯޕް ޓްރެވެލްސްގެ ލޯންޗު ދަތުރުތައް ހިލޭ ވައިފައި އާއެކު އުތުރުގެ ތިން އަތޮޅަކަށް ފަށަނީ
ހޯޕް ޓްރެވެލްސްގެ ލޯންޗު ދަތުރުތައް ހިލޭ ވައިފައި އާއެކު މާދަމާ ފަށާނެއެވެ. މިލޯންޗު ފެރީ މަނަދޫ، ޅޮހި، މިލަދޫ، މަގޫދޫ، ހޮޅުދޫ، ފޮއްދޫ އަދި ވެލިދޫ އަށް ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުދަ ދުވަހު ދަތުރުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ހއ. އަތޮޅަށާއި ހދ. އަތޮޅަށްވެސް މި ފެރީ ދަނީ ދަތުރުތައް ފަށަން ތައްޔާރުވަމުންނެވެ. އެގޮތުން، ކޮންމެ ހަފްތާއެއްގެ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ދުވަހަކު ހައި. ހޯރަފުށި، އިހަވަންދޫ، ދިއްދޫ އަދި ހދ.ކުޅުއްދުއްފުއްޓަށް ދަތުރުތައް ފެށުމަށް ތައްޔާރުވެފައި ވާކަމަށް ހޯޕް ގުރޫޕުން ބުނެއެވެ.

ޒަމާނީ ފެންވަރުގެ 63 މީހުންގެ ޖާގައިގެ މި ފެރީގެ ހާއްސަ ކަމަކީ ހިލޭ ވައިފައި ލިބޭކަމެވެ. އަދި ތަފާތު ރިފްރެޝްމެންޓެއްވެސް ޕެސެންޖަރުންނަށް ލިބިގެން ދާނެއެވެ.
ތިމާވެއްޓާ ރައްޓެހި މި ގުރޫޕުން، ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ދަތުރުމަތީގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ކޮތަޅެވެ. އަދި މޫދަށް ކުނި ނޭޅުން ފަދަ ކަންކަމުގައި އެއްބާރުލުންދީ، އެފަދަ ކަންކަން ވަރަށް ގާތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް ހޯޕް ގުރޫޕުން ބުނެއެވެ.

2018 ވަނަ އަހަރު ވުޖޫދަށް އައި ހޯޕް ކުންފުނިން އެންމެ ފުރަތަމަ ނ. މަނަދޫގައި ގާއިމްކުރީ ޒަމާނީ ފެންވަރުގެ ޕެޓްރޯލް ޝެޑެކެވެ. މަނަދުއަކީ އަތޮޅުގެ ހުރިހާ ރަށަކުންވެސް އެކިއެކި ބޭނުންތަކަށް ގިނަ އަދަދެއްގެ މީހުން އަންނަ ރަށަކަށްވާތީ މިރަށުގެ ޖެޓީ ސަރަހައްދުގައި ފަސޭހައިން ޕެޓްރޯލް ލިބޭނެހެން ފިއުލް ޑިސްޕެންސަރ އެއް ވަނީ ގާއިމުކޮށްފައެވެ. މިތަނުން އުޅަނދު ޖެޓީ އާއި ކައިރިކޮށްލުމުން ފަސް މިނެޓު ތެރޭ ޑިސްޕެންސަރ ތަކުން ތެޔޮ އެޅޭނެގޮތް ހަމަޖެހުން އެއީ ކަސްޓަމަރުން ވަރަށް އުފާ ކުރާ ކަމެއް ކަމަށް ޖެނެރަލަ މެނޭޖަރު ސައީދު ވިދާޅުވިއެވެ.
ހޯޕް އުފެދުނު އެންމެ ބޮޑު މަޤްޞަދަކީ ރައްޔިތުންނަށް ލުއި ފަސޭހަ އަދި ރަގަޅު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ހޯޕް ގުރޫޕުން ބުނެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެން ދާކަމަށް ވެސް އެ ގުރޫޕުން ފާހަގަކުރިއެވެ.
