ޚަބަރު

ދުނިޔޭގެ އަޖައިބުތަކުގެ ތެރެއިން ސީނުކަރައިގެ ބޮޑުފާރު

     ސީނުކަރައިގެ ބޮޑުފާރަށް ނަޒަރު ހިންގާލި ނަމަވެސް ފެނިގެންދަނީ ހައިރާންވެ އަންތަރީސް ވާވަރުގެ މަސައްކަތްތަކެވެ. ބުނެވޭ ގޮތުން މިބޮޑު ފާރަކީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 3 ގަރުނު ކުރިން މީހުންކޮށްފައިވާ ބުރަ މަސައްކަތެއްކަމުގައެވެ. މި ބޮޑު ފާރަކީ 1634 މޭލުގެ ދިގު ފާރެކެވެ. ކޮންމެދިމާއަކުން ބެލިއަސް، ފާރުގެ ބިމާއިގުޅިފައިވާ ބައިގެ (ބުޑުގެ) ފުޅާމިނަކީ 25 ފޫޓެވެ. އުސްމިނަކީ 30 ފޫޓެވެ. ފާރުގެ މަތިއޮންނަނީ، ފުޅާކޮށް އަސްގާޑިޔާފަދަ ތަކެތި ދުއްވޭ ގޮތަށް ހަދާފައެވެ.

     ބޮޑުފާރުގެ މިދެންނެވި ބައިގެ މަތި ހަދާފައިހުންނަނީ، ފާލަމެއްކަހަލަ ގޮތަކަށެވެ. އަޑީބައި ހަދާފައިހުންނަނީ ދެފަރާތުގައި ދެފާރުރާނައި އެތެރެއަށް ވެލިއަޅައިގެންނެވެ. ދެން ދެފަރާތް ހެޔޮވަރު ވަރަކަށް އުސްކޮށް ރާނާލާފައެވެ. ދުރުދުރުގައި ސާޅީސްފޫޓް އުސްމިނުގެ ބޮޑެތި ޓަވަރުތައް ހަދާފައި ހުރެއެވެ. ފެންނާންހުންނަ ގިނަ ތަންތަން ހަދާފައިހުރީ ކޮށާފައިހުރި ހިލައާއި ގަލުންނެވެ.

    ފަރުބަދަތައް މަތިން މިފާރު އެހާދިގުކޮށް ދެމިލާފައި އޮތް ގޮތް އެއީ ހައިރާން ވާވަރުގެ ކަމެކެވެ. މިއަދު ޖައްވަށް މީހުންދާއިރު، އިންސާނާގެ އަތުން ހަދާފައިވާ އެއްޗިހީގެ ތެރެއިން އެންމެ ފަހުން އޮބާލާ އެއްޗަކަށްވަނީ މި ބިޔަފާރެވެ.  

     ފާރުހެދުމަށް ބޭނުންކުރި ތަކެއްޗަށް ބަލާލަމާ ހިނގާށެވެ. ކޮންނަންބޭނުންކުރީ އުދަލިކަހަލަ އެއްޗެކެވެ. ގާކޮށަން ބޭނުންކޮށްފައިވަނީ ކޯރާޑިކަހަލަ އެއްޗެކެވެ. މިފާރުގެ ބޮޑުބައިހެދުމަށް ވިހައަހަރު ދުވަހުގެ ތެރޭގައި ކުރުވުނު މަސައްކަތުގައި 300000 މީހުން އުޅުނު ކަމަށް ބުނެވެއެވެ. އެމީހުން ކައިބޮއި، އުނު އަދެ، ހަދާއުޅުނު ގޮތަކަށް އެކަނި ވިސްނާލިޔަސް އަދި އެތައް ސަތޭކަ މޭލެއްގެ ދުރުގައި ތައްޔާރު ކުރެވިފައިހުންނަ މިފާރުގެ ބައިބައި ގުޅުވާލި ގޮތެއްވެސް އާދެ ހިތަށް ވައްދާލަންވެސް ނޭނގެއެވެ. މިއީ އިހު ޒަމާނުގެ މީހުންގެ މޮޅުކަމެވެ. ކުޅަދާނަކަމެވެ.

  ސީނުކަރާގައި ހަދާފައިވާ އެހެން ފާރެއް

    ސީނުކަރު ނުވަތަ މިހާރުގެ ޗައިނާގެ ޒިއާން ސިޓީގެ ވަށައިގެން ލެވިފައިވާ ބޮޑުފާރުގެ ވާހަކަވެސް މީހުން ދައްކާ ހަދައެވެ. މިފާރަކީ ދިވެހިން ދަންނަ ޗައިނާގެ ބޮޑުފާރެއް ނޫނެވެ. އެއީ އަދި މުޅިން އެހެން ފާރެކެވެ.  މިއީ ދުނިޔޭގެ އަޖައިބުގެ ތެރޭގައި ނުހިމެނޭ ތަނެއް ނަމަވެސް މިއީވެސް ބައެއްގެ ބުރަ މަސައްކަތްތެއްކަން އެތަން ބަލައިލުމުން އެނގެއެވެ.

   ޒިއާން ސަހަރަކީ ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ވެރިރަށެވެ. ތަންކޮޅެއް ކުރީގައި ޗައިނާގެ ވެރިރަށަކީވެސް އެއީއެވެ. މިރަށް އޮންނަނީ އިހުޒަމާނުގައި އިރުމަތީގެ ރަށްތަކާއި ހުޅަނގުގެ ރަށްތަކުގެ މެދުގައި ވިޔަފާރީގެ މުއާމަލާތު ހިންގުނު މަޝްހޫރު ސިލްކު ރޯޑު ޗައިނާއާ ހަމައިން ނިމޭތާގައެވެ. މިއީ ޗައިނާގެ ރަސްކަމުގެ މައި ރަށަކަށްވެފައި އަދި ވިޔަފާރީގެ މައި ދޮރާށި ކަމަށްވާތީ ހުރިހާ ގޮތަކުން މިރަށް ދިފާއުކުރުމަށް ވަރަށް އުސްކޮށް ރަށުގެ ވަށައިގެން އެންމެ ފުރަތަމަ ބޮޑުފާރެއް ގާއިމްކުރެއްވީ މީލާދީން ސާދަވަނަ ސައްތައިގެ ތެރޭގައި މިންގް ޚާންދާނުގެ ފުރަތަމަ ރަސްގެފާނު ޒޫ ޔުއާންގްޒަން އެވެ. މީނާ ރަސްކަމަށް ވަޑައިގަތީ އޭގެ ކުރިން އެތައް ސަތޭކަ އަހަރަށް ވެރިކަންކުރި މޮންގޯލް ދަރިކޮޅުގެ ޔުއާން ޑައިނާސްޓީގެ ރަސްކަން ކަނޑީގެ ބާރުގައި ނިމުމަކަށް ގެންނަވައިފައެވެ.

     ޒިއާން ސިޓީގެ ބޮޑުފާރު ގާއިމުކުރެވުނު ފަހުން މިހާތަނަށް ތިން ފަހަރަކު އެ ފާރު ވަނީ އާކޮށް މަރާމާތު ކުރެވިފައެވެ. އެންމެފަހުން ކުރެވުނީ 1983 ގައެވެ. މިފާރު ގާއިމު ކުރެވިގެންވަނީ 36 އަކަކިލޯމީޓަރުގެ ސަރަހައްދެއްގެ ވަށައިގެންނެވެ. ފާރުން އެތެރޭގައިވާ ބަޔަކީ މިއަދު ޒިއާން ސިޓީގެ އެންމެ ގަދީމީ ބައެވެ. މި ފާރު ސާދަ ކިލޯމީޓަރަށް ދެމިގެންދާއިރު ވަރަށް ގިނަ ދޮރާށިތަކާއި ކޯއްޓޭތައް ގާއިމް ކުރެވިފައިވެއެވެ. ފާރުގެ އުސްމިން ސާޅީސް ފޫޓަށް އުފުލިގެންވާއިރު ފާރުގެ އެންމެ މަތި ފުޅާ މަގެއްހާ ފުޅަލެވެ. ފާރުގެ މަތީގައި ބައިސިކަލާއި ބެޓެރީ ކާރުވެސް ދުއްވެއެވެ. 

    މިފާރަކީ އޭގެ އެންމެ ރަންޒަމާނުގައި ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ނަކަލުކޮށްގެން ދިފާއީ ކޯއްޓޭތަކާއި ފާރުތައް ރޭނުމަށް ނަމޫނާއަކަށް ބެލި ފާރެވެ. މިހާރުވެސް ދިފާއީ ފާރުތަކުގެ ތެރެއިން މުޅި ޗައިނާގައިވެސް އެންމެ ބޮޑަށް ރައްކާތެރިކުރެވިފައިވާ އަދި އެންމެ ފުރިހަމަގޮތުގައި ފެންނާންހުރި ފާރަކީ މިފާރެވެ. ޗައިނާގެ އާސާރީ އެންމެ މުހިއްމު ތަންތަނުގެ ތެރޭގައި މިފާރު ހިމަނާފައިވާއިރު ޔުނެސްކޯ ވޯލްޑް ހެރިޓޭޖު ސައިޓުތަކުގެ ތެރޭގައި ހިމެނުމަށް ލިސްޓު ކުރެވިފައިވާ ތަންތަނުގެ ތެރޭގައިވެސް ޒިއާން ސިޓީ ވޯލް ހިމެނެއެވެ.

    ބޮޑުފާރު ރޭނުމުގެ ސަގާފަތަކީ ޗައިނާގައި ދެހާސް ފަސްސަތޭކަ އަހަރަށްވުރެ ދުވަސްވީ ސަގާފަތެކެވެ. އަމިއްލަ ދިފާއަށްޓަކައި ފާރު ރޭނުމުގެ ވިސްނުމަކީ ޗައިނާގެ ޝަޚުސީ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިފަދަ ފާރުތަކުގެ ހިކުމަތަކީ ދިފާއުވުމެވެ.

މައުލޫމާތު : ވީނިއުސް.އެމްވީ އަދި ޅެން ޝަރަޙަ (ޢަބްދު ﷲ ޞާދިޤު . ހ. އާމުލީގެ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close