އެސް.އޯ.އެފް އެކައުންޓަށް ޖަމާކުރެވުނު ޗެކްތައްވެސް ޖަމާކޮށްފައިވަނީ ޤަވާޢިދާއި އެއްގޮތަށް – ބީއެމްއެލް
އެސް.އޯ.އެފް އެކައުންޓަށް ޖަމާކުރެވުނު ޗެކްތައްވެސް ޖަމާކޮށްފައިވަނީ ޤާނޫނުތަކާ އަދި ބޭންކުން ޢަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާ އެއްގޮތްވާގޮތުގެ މަތިން ވަކި ތަފާތުކުރުމެއްނެތިކަމަށް ބީއެމްއެލްއިން ބުނެފިއެވެ
ބޭންކް އޮފް މޯލްޑިވްސް އިން މިހެން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭގޮތުން އެބޭންކާއި ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.
އެބަޔާނުގައި ބީއެމްއެލްއިން ބުނެފައިވަނީ އެންޑޯރސް ކޮށްފައިވާ ޗެކް ބަލައިތުން ހުއްޓާލަންދެން އެހެން ބޭންކުތަކުންވެސް އެންޑޯރސް ކޮށްފައިވާ ޗެކްތައް ބަލައިގަތުމުގައި ޢަމަލުކުރަނީ އެގޮތަށްކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ޖަމާކުރަމުންދިޔަ ޗެކްތަކާއި ބެހޭ މަޢުލޫމާތުތައް، ކަމާބެހޭ ހުރިހާ ފަރާތްތަކާ ޙިއްޞާކުރި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ބުނެފައިވަނީ، އެމް.އެމް.ޕީ.އާރ.ސީގެ ނަމުގައި އެކިފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސް.އޯ.އެފް ގެ އެކައުންޓަށް ޖަމާކުރެވިފައިވަނީ އެ ޗެކްތައް އެންޑޯރސްކޮށްފައި ހުރުމުން ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެންޑޯރސް ކޮށްފައިވާ ޗެކެއް ޖަމާކުރުމަށް ގެނައުމުން އެ ޗެކްދޫކުރި އެކައުންޓްގެ ވެރިފަރާތުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކުރެވިފައިވާ، ހުއްދަދެވިފައިވާގޮތަށް ސޮއިކުރެވިފައިވާ ފުރިހަމަޗެކެއްތޯ ބޭންކުން ބަލަމުން އަންނަކަމަށެވެ. މިގޮތުން 2016 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 14 ގައި އެންޑޯރސް ކޮށްފައިވާ ޗެކްބަލައިގަތުން ހުއްޓާލަންދެން، ފެށުނީއްސުރެ ބޭންކުން ޢަމަލުކުރަމުން އައީ މިގޮތަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވަނީ، އެސްއޯއެފްގެ އެ މުއާމަލާތްތަކާއި ގުޅިގެން ބީއެމްއެލްގެ ފަރާތުން އަދާކުރަންޖެހޭ ޤާނޫނުން ލާޒިމްކުރާ އެންމެހާ ޒިންމާތަކެއް އަދާކޮށްފައިވާކަމަށާއި މިގޮތުން އެސްއޯއެފުން ކޮށްފައިވާ މުއާމަލާތްތައް ޤަވާއިދުން މޮނީޓަރ ކޮށްފައިވާނޭކަމަށެވެ.
އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން ބޭންކްގެ ޗީފް އިންޓަރނަލް އޮޑިޓަރު ހިންގި އޮޑިޓުގައި ބީއެމްއެލްއިން މިކަމުގައި އަމަލުކޮށްފައިވަނީ، ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށްކަމަށާއި، އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ބޭންކްގެ މުއައްޒަފުންނާއި ގުޅިގެން ހިންގާފައި ނުވާކަން އޮޑިޓަރު ޔަޤީންކޮށްދީފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
އޭސީސީގެ ވެބްސައިޓުގައި ޢާއްމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ރިޕޯޓުގައި 57 ރަށަކުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 60 މިލިއަނަށްވުރެ ގިނަ ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

