ކޮތަރު ދަތުރުކުރާނެ މިސްރާބު ހޯދަނީ އޭގެ ފުރަމޭގެ އެހީގައި ކަމަށް ދިރާސާއަކުން ދައްކައިފި

ކޮތަރުތައް އޭގެ ހާއްޔަށް ނުވަތަ މަންޒިލަށް ދިއުމަށްޓަކައި ބޭނުންކުރަނީ ހައިރާންކުރުވަނިވި ނިޒާމެއް ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
ދުނިޔޭގައި އުޅޭ ތަފާތު ދިރުންތައް ދަތުރުކުރުމުގައި ތަރިތަކަށް ބެލުމާއި، މަގުމަތީގައި ހުންނަ ފާހަގަކުރެވޭ މުހިންމު ތަންތަން ހަނދާން ބެހެއްޓުން ފަދަ އުކުޅުތައް ބޭނުންކުރެއެވެ. މީގެ އިތުރުން ދޫންޏާއި، މަހާއި، ވެލާ ފަދަ ތަކެތި މިސްރާބު ހޯދުމަށްޓަކައި ދުނިޔޭގެ ދަމާބާރު ނުވަތަ ‘މެގްނެޓިކް ފީލްޑް’ ކިބްލަބަރިއެއްގެ ގޮތުގައި ބޭނުންކުރެއެވެ. ނަމަވެސް، މި ތަކެތި މިކަން ކުރަނީ ކިހިނެއްކަން މިހާތަނަށް އޮތީ ސާފުނުވެއެވެ.
ކޮތަރަކީ އެއް ދުވަހުގެ ތެރޭގައި އެތައް ސަތޭކަ މޭލެއްގެ ރާސްތާ ކަނޑަނޭޅި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ދޫންޏެކެވެ. މީގެ އެތައް ހާސް އަހަރެއް ކުރިން ފެށިގެން އިންސާނުން އަންނަނީ ޚަބަރުތަކާއި ސިޓީބިޓީ އަދި އަސްކަރީ މެސެޖުތައް ފޮނުވުމަށް ކޮތަރު ބޭނުންކުރަމުންނެވެ.
ކޮތަރުތައް މަގު އޮޅުނުނުދީ ދަތުރުކުރާ ގޮތް ހޯދުމަށް ސައިންސްވެރިން މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ބައެއް މާހިރުން ދެކޭގޮތުގައި ކޮތަރުގެ ލޮލުގައި ހުންނަ އަލި ދެނެގަންނަ މޮލިކިއުލްތަކުން ދަމާބާރުގެ އިޝާރާތްތައް ދެނެގަނެއެވެ. އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި މިކަން ހިނގަނީ އޭގެ ތުންގަނޑު ނުވަތަ އެތެރެކަންފަތުގެ އެހީގައެވެ.
ޖަރުމަނުގެ މެކްސް ޕްލާންކް އިންސްޓިޓިއުޓް ފޯ އެނިމަލް ބިހޭވިއާގެ މާޓިން ވިކެލްސްކީ ވިދާޅުވި ގޮތުގައި، މި ދިރުންތަކަށް ދަމާބާރު އިހުސާސްވާ ގޮތަކީ ވޭތުވެދިޔަ ސަތޭކައެއްހާ އަހަރު ދުނިޔެއަށް ސިއްރެއްގެ ގޮތުގައި އޮތް ކަމެކެވެ.
އާ ދިރާސާއެއްގައި ވިކެލްސްކީ އާއި އެހެން މާހިރުން ވަނީ ކޮތަރުގެ މި ސިއްރު ހޯދުމަށްޓަކައި އޭގެ ގުނަވަންތައް ތަހުލީލުކޮށްފައެވެ. މިގޮތުން ކުރި މަސައްކަތުން ދަމާބާރު ދެނެގަތުމުގެ ވަރުގަދަ ނިޝާންތަކެއް ފެނުނީ އެއްވެސް މީހަކު އުންމީދުނުކުރާ ގުނަވަނަކުންނެވެ. އެއީ އޭގެ ފުރަމޭއެވެ.
ކޮތަރުގެ ފުރަމޭގައި ހުންނަ ހާއްސަ ދިފާއީ ސެލްތަކުން ލޭގެ ރަތް ސެލްތައް މުގުރާލައި، އޭގައި ހުންނަ ދަގަނޑުގެ ބައި (އަޔަން) ރައްކާކުރެއެވެ. ޖަރުމަނުގެ ޔުނިވަރސިޓީ އޮފް ބޮންގެ ކްރިސްޓިއަން ކާޓްސް ވިދާޅުވި ގޮތުގައި، ކޮތަރުގެ ހަށިގަނޑުން މި ދިފާއީ ސެލްތައް ވަގުތީ ގޮތުން ނައްތާލުމަށްފަހު އުދުހެން ދޫކޮށްލުމުން، އެ ސަތޭތަކަށް ދާންވީ މިސްރާބު ހޯދަން ނޭނގުނެވެ. މީގެއިން އެނގެނީ ދަގަނޑުގެ ބައި އެކުލެވޭ ފުރަމޭގެ ސެލްތަކަކީ މިސްރާބު ހޯދުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމެވެ.
މި ދޫނިތަކަށް މަގު އޮޅެނީ ހަމައެކަނި އުޑުމަތި ބަނަ ދުވަސްތަކުގައެވެ. އެއީ މިސްރާބު ހޯދުމަށްޓަކައި ދަމާބާރުގެ އިތުރުން އިރުގެ އަލިވެސް އެ ސަތޭތައް ބޭނުންކުރާތީއެވެ.
މީގެ ކުރިންވެސް ދިފާއީ ސެލްތަކާއި ދަމާބާރު ދެނެގަތުމާ ގުޅުމެއް ހުރެދާނެ ކަމަށް ސައިންސްވެރިންނަށް ޝައްކުކުރެވުނު ނަމަވެސް، ‘ސައިންސް’ މަޖައްލާގައި މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކުރި މި ދިރާސާއަކީ މިކަމުގެ ފުރިހަމަ ތިއަރީއެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.
މި ދިރާސާގައި ބައިވެރިނުވާ މާހިރެއް ކަމަށްވާ ޔުނިވަރސިޓީ އޮފް މެސަޗޫސެޓްސް ބޮސްޓަންގެ އެލްބާޓް ކާއޯ ވިދާޅުވީ، މިއީ ދުވަހަކުވެސް އުންމީދުކުރި ކަމެއް ނޫން ނަމަވެސް، މިކަން ސާފުކޮށްދިނުމުން މިއީ ވަރަށް ބޮޑު ހަގީގަތެއްކަން ގަބޫލުކުރެވޭ ކަމަށެވެ.
ދިރާސާގައި ބައިވެރިވި ކްލިވިއާ ލިސޯވްސްކީ ވިދާޅުވި ގޮތުގައި، މި ދިފާއީ ސެލްތައް ހުންނަނީ ފުރަމޭގައި ހުންނަ ނާރުތަކާ ކައިރީގައެވެ. ދަމާބާރުގެ އިހުސާސް ސިކުނޑިއަށް ފޮނުވައިދީ، ދަތުރުކުރާނެ މަގު ހޯދުމަށް ކޮތަރަށް އެހީތެރިވަނީ މި ނާރުތަކުގެ ޒަރީއާއިން ކަމަށް ބެލެވެއެވެ.
ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި އެހެނިހެން ދޫނިސޫފާސޫތްޕާއި މީދާ ފަދަ ޖަނަވާރުތައްވެސް ދަތުރުކުރުމުގައި މިފަދަ “މެގްނެޓިކް ޖީޕީއެސް” އެއް ބޭނުންކުރެއެވެ. ނަމަވެސް، އިތުރު މާހިރުން ވިދާޅުވަނީ މިކަން ކަށަވަރުކުރުމަށާއި، މި އިޝާރާތްތައް ސިކުނޑިއަށް ދާ ގޮތް އިތުރަށް ދިރާސާކުރަންޖެހޭ ކަމަށެވެ. ފުރަމޭއިން އެންމެ ވަރުގަދަ ނިޝާންތައް ފެނުނު ނަމަވެސް، މިފަދަ ސެލްތައް ތުންގަނޑާއި ހުންގަނޑު (spleen) ފަދަ ގުނަވަންތަކުންވެސް ވަނީ ފެނިފައެވެ.
ވެޓެރިނަރީ ޕެތޮލޮޖިސްޓް ސައިމަން ސްޕައިރޯ އަދި ބަޔޮލޮޖިސްޓް ހަލް ޑްރޭކްސްމިތު ލިޔުއްވާފައިވާ ގޮތުގައި، މި ސިއްރުގެ ހައްލަކީ ހަމައެކަނި އެންމެ ކަމަކަށް ނުވެދާނެއެވެ. ދިގު ރާސްތާއަށް ދަތުރުކުރުމާއި، ވަކި ހާއްސަ މަންޒިލެއް ހޯދުން ފަދަ ތަފާތު ބޭނުންތަކަށް ކޮތަރުތައް ތަފާތު އެކި އުކުޅުތައް ބޭނުންކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އަނދިރީގައި ގެއަށް ދިއުމަށްޓަކައި އެކަކަށްވުރެ ގިނަ ގޮތްތައް ހުރުމަކީ ބުއްދިވެރި ކަމެއްކަންވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.




