އިސްލާމްއާބާދުގައި ދިން ބޮމުގެ ޙަމަލާއެއްގައި 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ދިން ބޮމުގެ ޙަމަލާއެއްގައި 12 މީހުން މަރުވެއްޖެއެވެ. މި ޙަމަލާއާ ދާދި އެއްވަގުތެއްގައި، ޤައުމުގެ އަސްކަރީ ސްކޫލަކަށް ހަތިޔާރަ އެޅި ބަޔަކު ވަދެ، އެތައް ސަތޭކަ ބަޔަކު ރަހީނުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ADS BY: Avas Ride
އިސްލާމްއާބާދުގައި ހުންނަ ދަށު ކޯޓުތަކުގެ އިމާރާތެއްގެ ކައިރީގައި ދިން ޖާނުންފިދާވުމުގެ މި ޙަމަލާގައި އިތުރު 27 މީހަކު ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ޙަމަލާ އަމާޒުކޮށްފައިވަނީ މެންދުރުގެ ކެއުމުގެ ވަގުތުގައި ގިނަ މީހުން އެ ސަރަޙައްދުގައި އުޅުނު ވަގުތަކާ ދިމާކޮށެވެ.
ޕާކިސްތާންގެ ދާޚިލީ ވަޒީރު، މުޙްސިން ނަޣްވީ ވިދާޅުވީ، ޙަމަލާދިން މީހާ ކޯޓު އިމާރާތުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ކަމަށާއި، އެކަން ނާކާމިޔާބުވުމުން އިމާރާތުގެ ބޭރުގައި ހުރި ފުލުހުންގެ އުޅަނދުތަކެއް ކައިރީގައި ބޮން ގޮއްވާލީ ކަމަށެވެ. މިކަމުގެ ފަހަތުގައި ތިބި ފަރާތްތައް ހޯދައި، ޢަދާލަތުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
މި ޙަމަލާއާ ގުޅިގެން، އަފްޣާނިސްތާންގެ ބޯޑަރާ ކައިރި ސަރަޙައްދެއްގައި ހުންނަ އަސްކަރީ ސްކޫލަކަށް ހަތިޔާރާއެކު ބަޔަކު ވަދެގަނެފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި، ޙަމަލާދިން މީހުންގެ ތެރެއިން ތިން މީހަކު އަދިވެސް ސްކޫލް ތެރޭގައި ހަރަކާތްތެރިވަމުން އެބަދެއެވެ.
އެވަގުތު ސްކޫލްގައި ދަރިވަރުންނާއެކު 500 އެއްހާ މީހުން ތިބި ކަމަށް ލަފާކުރެވޭއިރު، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
އިސްލާމްއާބާދުގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދެމުންދާއިރު، ގިނަ މީހުންގެ ޙާލު ސީރިއަސް ކަމަށް ހޮސްޕިޓަލުގެ މަސްއޫލުވެރިން ވިދާޅުވެއެވެ. މި ދެ ޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ޕާކިސްތާނަކީ، ހާއްސަކޮށް އަފްޣާނިސްތާނާ ގުޅޭ ބޯޑަރު ސަރަޙައްދުތަކުގައި، ދިގު މުއްދަތެއް ވަންދެން ހަނގުރާމަވެރި ހަރުކަށި ޖަމާޢަތްތަކުގެ އިންޒާރާއި، ޙަމަލާތަކާ ކުރިމަތިލަމުން އަންނަ ޤައުމެކެވެ. ޕާކިސްތާން ތާލިބާން (ޓީޓީޕީ) ފަދަ ޖަމާޢަތްތަކުން ދޭތެރެ ދޭތެރެއިން ޤައުމުގެ ސަލާމަތީ ބާރުތަކަށާއި، ސަރުކާރުގެ މުއައްސަސާތަކަށާއި، ޢާންމުންނަށް އަމާޒުކޮށް ޙަމަލާތައް ދެމުން އާދެއެވެ.
އަފްޣާނިސްތާނުގައި ތާލިބާނުން ވެރިކަމަށް އައުމަށްފަހު، ޓީޓީޕީ ފަދަ ޖަމާޢަތްތައް އަލުން ބާރުވެރިވެ، ޕާކިސްތާނުގެ އަމާންކަން ނަގާލުމަށް ދޭ ޙަމަލާތައް ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ. މިފަދަ ޙަމަލާތަކުގެ މައިގަނޑު މަޤްޞަދަކީ، ދައުލަތް ބަލިކަށިކޮށް، ޤައުމުގައި ބިރުވެރިކަމާއި ހަމަނުޖެހުން އުފެއްދުމެވެ.

