ޚަބަރު

މިހާރު ވެރިކަމުގެ މިތިބަ މީހުންނަކީ އަލުން ވެރިކަމަށް ގެންނަން ހެޔޮވާވަރުގެ ބަެއެއްނޫން: ނާޒިމް


ރާއްޖޭގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ އިހުމާލުކަމަށާއި، މިކަންކަން ރަނގަޅު ކުރެވޭނެ އެއްވެސް ގޮތެއް މިސަރުކާރަށް ނުހޯދޭއިރު، މިއީ އަލުން ވެރިކަމުގައި ބައިތިއްބަން ހެޔޮވާ ވަރުގެ ބައެއް ނޫންކަމަށް ކުރީގެ ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރައްޔިތުން ތިބީ މިސަރުކާރުން ވެފައިވާ ވައުދުތަކާއި، އަދުލު އިންސާފު ގާއިމް ކުރުމަށް ދެއްކެވި ވާހަތައް ނުހަނު ކަނުލައި އަޑުއަހައިގެންކަމަށެވެ. ވެރިކަމަށް ރައްޔިތުންގެ އިންތިޚާބު ކުރި ދައުރު ހަމަވާން ކައިރިވުމުން އަނެއްކާވެސް ކޯލިޝަން ހެދުމަށް ޕާޓީތަކުގެ ލީޑަރުން ކައިރިއަށް ވަޑައިގަންނަވާއިރު، ވެފައިވާ ވައުދުތައް ފުއްދުނީ ކިހާ މިންވަރަކަށްތޯ ބަލަންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި، ރިލުވާނާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި، މިނޫންވެސް ގޮތްނޭގޭ އެއްވެސް މަރެއްގެ އާއިލާތަކަށް އަދާއިހަމައަށްވެސް އިންސާފު ނުހޯދޭކަމީ މިސަރުކާރުން ދެއްކި ވާހަތަކުގައި ހަގީގަތެއް ނެތްކަން ހާމަވާ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުން ވެރިން އިންތިޚާބު ކުރަނީ ޤައުމުގެ މަސައްލަހަތާއި އަމާންކަން ދެމެހެއްޓުމަށް ކަމަށްވާއިރު މިއަދު ރާއްޖޭގައި ފެންނަމުންދަނީ ރައްކާތެރިކަމެއް ނެތް މާހައުލެއްގެ ގޮތުގައިކަމަށް ނާޒިމް ވިދާޅުވިއެވެ. ދީނީ އިލްމުވެރިން ހައްޔަރު ކުރުމާއި، ތިމާމެމްގެ ވައުދުތަކުގެ ވާހަކަތައް ހަދާން ކުރާ ފަރާތްތައް ހިފާ ހައްޔަރު ކުރުމަކީ މިސަރުކާރުން މިހާރު އެންމެ ފަރިތަކަމާއިއެކު ކުރަމުންދާ ކަންތައްކަމަށް ނާޒިމް ވިދާޅުވިއެވެ.

ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި އެއްގޮތަށް ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އަޅަން ގޮވާލުމަށްފަހު ވެރިން ބޮޑެތި ވަފުދު ހަދާފައި ދުނިޔޭގެ ޤައުމުތަކަށް ވަޑައިގަތުމުން ޤައުމުގެ ޚަރަދު ކުޑަވާނެ ގޮތެއް ނުވިސްނޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ އިހުމާލުކަމަށެވެ. މިކަންކަން ރަނގަޅު ކުރެވޭނެ އެއްވެސް ގޮތެއް މިސަރުކާރަށް ނުހޯދޭއިރު، މިއީ އަލުން ވެރިކަމުގައި ބައިތިއްބަން ހެޔޮވާ ވަރުގެ ބައެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close