މިވަގުތު ރައީސް ޔާމީން އެންމެ އިސްކަމެއް ދެއްވަނީ އިންޑިއާ ސިފައިން ބޭލުމަށް
މިވަގުތު ރައީސް ޔާމީން އެންމެ އިސްކަމެއް ދެއްވަނީ އިންޑިއާ ސިފައިން ބޭލުމަށް ހިންގާ ޙަރަކާތްތައް އަތޮޅުތަކުގައި ފުޅާކުރުމަށް ކަމުގައި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ޙަރަކާތްތައް އަތޮޅުތަކުގައި ފުޅާކުރުމަކީ އެންމެ އިސްކަން ދެއްވާ ކަންތައް ކަމުގައި ރައީސް ޔާމީން ވިދާޅުވެފައިމިވަނީ މިވަގުތު މާލޭގައި ތިއްބެވި ކައުންސިލަރުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުންނާއި، ބައެއް ރަށްރަށުގެ އިސް ބޭފުޅުންނާއެކު ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ އަތޮޅުތެރޭގެ ރަށްރަށުގައި އެޕާޓީގެ ގިނަ ޙަރަކާތްތަކެއް ފުޅާކޮށް ކުރިއަށް ގެންދިޔުމަށް މަޝްވަރާކޮށްފައެވެ.. ޕީޕީއެމުން ބުނީ އިންޑިއާ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ ރައީސް ޔާމީން އެންމެ އިސްކަން ދެއްވާ ކަންތައް ކަމަށެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި މި ކެމްޕޭން ފުޅާކުރަން މަޝްވަރާކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެރޭ ޕީޕީއެމުން މާލޭގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށާއި އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް ރައީސް ޔާމީން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.



