ވަރުގަދަ ޕީއެސްޖީ ބަލިކޮށް ސިޓީ އިން ފައިނަލާއިގާތަށް
ރޭ ކުޅެވުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އަމިއްލަ ދަނޑުގައި ކުޅުނު ޕީއެސްޖީ 2-1 ން ބަލިކޮށް މެންޗެސްޓާ ސިޓީ އިން މި މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ރޭގެ މިނަތީޖާއާއި އެކު އަންނަ ހަފްތާގައި ސިޓީ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ނޫނީ 1-0 އިން ޕީއެސްޖީ މޮޅުވިޔަސް ފައިނަލުގެ ޖާގަ ލިބޭނީ ސިޓީ އަށެވެ. މެޗު އިތުރު ވަގުތު ކުޅެން ޖެހޭނީ 2-1 އިން ޕީއެސްޖީ މޮޅުވެގެންނެވެ. އެ އަށް ވުރެ ބޮޑު ސްކޯ އަކުން ޕީއެސްޖީ މޮޅުވެއްޖެ ނަމަ އެ ޓީމަށް ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ފައިނަލުގެ ފުރުސަތު ލިބޭނެ އެވެ. ރޭގެ މެޗަށް ބަލާއިރު މިއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.
މިއީ ޗެމްޕިއަންސް ލީގުގައިވެސް ކާމިޔާބީތަކެއް ހޯދާފައިވާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗުކަމާ 2016 ވަނައަހަރު ހަވާލުވުމަށްފަހު އެ ޓީމުން ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި މެންޗެސްޓަރ ސިޓީއިން އެ ކްލަބްގެ ތާރީހުގައި ސެމީ ފައިނަލްގައި ކުޅޭ ދެ ވަނަ ފަހަރުވެސް މެއެވެ.
ރޭގެ މިފޯރިގަދަ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޕީއެސްޖީ އިންނެވެ. މިއީ މެޗު ފަށައިގެން 15 ވަނަ މިނިޓްގައި އެންހެލް ޑި މާރިއާ ނެގި ކޯނަރަކުން ޓީމުގެ ކެޕްޓަން މާކުއީނިއޯސް ކާމިޔާބުކޮށްދިން ގޯލެކެވެ.
ޕީއެސްޖީގެ ގޯލަށްފަހު މެޗުގެ ދެވަނަ ހާފުގައި ސިޓީއިން ދޔައީ ގިނަވަގުތު ބޯޅަ ހިފަހައްޓާ ޕީއެސްޖީގެ ގޯލަށް ބާރު ބޮޑުކުރަމުންނެވެ. ސިޓީއިން ކުރަމުންދިޔަ މި މަސައްކަތް ކާމިޔާބުވީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ ހުރަސްކުރަން އޭރިއާތެރެއަށް ފޮނުވާލި ބޯޅަ އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި ގޮސްވަނީ ގޯލުގެ ތެރެއަށެވެ. އަދި މެޗުގެ 71 މިނިޓްގައި ސިޓީއަށް ލިބުނު ހިލޭޖެހުމެއް ގޯލަށް ވައްދާލައިގެން ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރިޔާދު މާރޭޒްއެވެ.
މިއީ މިފަހަރުގެ މި މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބުނަމުން އަންނަ ސިޓީއަށް ދެވަނަލެގަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ.



