ޚަބަރު

ލަންކާގައި ނިޔާވާ މުސްލިމުން ރާއްޖެ ގެނައުމުގައި ޝަރުޢީ މަސްލަޙަތެއްނެތް – ޝައިޚް ޢަބުދުﷲ

ކޯވިޑްޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންގެ ހަށިތައް ދިވެހިރާއްޖެ އުފުލައި ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރުޢީ މަޞްލަޙަތެއް އޮތްތަން ފެންނާކަށްނެތް ކަމުގައި ސަލަފް ޖަމިއްޔާގެ ރައީސް އައްޝައިޚް ޢަބުދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝައިޚް މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ އެކަމުގެ ސަބަބުތައް ވެސް ހާމަކުރައްވާފައެވެ.

ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް ޝައިޚް ވިދާޅުވީ :

  1. ޝަރުޢީ އުޒުރެއް ނެތި މަރުވާ ރަށުން އެހެންތަނަކަށް މައްޔިތާ ބަދަލުކުރުމަކީ އެދެވޭ ކަމަކަށް ނުވުން.
  2.  މައްޔިތާ ވަޅުލުން އަވަސްކުރުމާ ފުށުއެރުން
  3. ސްރީލަންކާގެ ބިމުގައި ތަނަވަސްކަން އޮވެމެ، ދިވެހިރާއްޖެ ފަދަ އާބާދީގެ ނިސްބަތުން ބިން ދަތި،އަދި ރައްޔިތުންގެ ޖަނާޒާއަށް ވެސް ބިމުގެ ދަތިކަން މިހާރުވެސް އޮތުން.
  4. އުޒުރެއްގެ ގޮތުގައި ހާމަކޮށްފައިވާ ސަބަބަކީ ޢުޒުރެއްކަމުގައި ބަލާނެ ޖާގަނެތުން.
  5. މިކަން އެދިފައިވާކަމަށްވަނީ ސްރީލަންކާގެ ސަރުކާރުން ކަމަށްވީ ހިނދު،ލަންކާގެ ޢިލްމުވެރިންގެ ބަހެއް އޮތްތޯއާއި، އަދި އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ލަންކާ މުސްލިމުން އިންކާރުކޮށްފައިވާކަން ފެންނަން ނެތުން
  6. އިސްލާމީ އުޞޫލުތަކާއި އެއްގޮތަށްވަޅުލުމަށް ބިންދަތި ތާކަށް،މައްޔިތާ،ނަޤުލްކުރުމުގެ ބަދަލުގައި،ދިވެހީން ލަންކާއަށް ފޮނުވައިދީގެން އެކަން ހަމަޖެއްސުމުގައި ޚަރަދު ކުޑަވުމާއި، ދިމާވެދާނެ އެތައް މައްސަލައެއް ނުނިކުންނަފަދަ ގޮތަށް ހަމަޖެއްސުމުގެ ޤާބިލުކަން ސަރުކާރަށް އޮތުން.
  7. މިކަންކަން މިހެން ސުވާލު އުފެދޭތީ..!

ޖަމިއްޔަތު ސަލަފްގެ ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު މިނިސްޓަރު ޝާހިދު މިއަދު ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ގެންދަވަނީ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close