ކުޅިވަރު

މެސީގެ މޮޅުކުޅުމާއިއެކު އާޖެންޓީނާއަށް ފުރަތަމަ މޮޅު

ބުރެޒިލުގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މެސީގެ މޮޅުކުޅުމާއިއެކު މިއަދު އުރުގުއޭ 1-0 އިން ބަލިކޮށް އާޖެންޓީނާއިން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިއަދުގެ މެޗުން އާޖެންޓީނާ މޮޅުވި ނަމަވެސް އެޓީމުން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުންވަނީ ޗިލީއާ ބައްދަލުކޮށް 1-1 އިން އެއްވަރުވެފަ އެވެ.

ބުރެޒިލުގެ އެސްޓަޑިއޯ ނަސިއޮނާލް ސްޓޭޑިއަމްގައި ރާއްޖޭގަޑިން ފަތިހު 5.00 ގައި ކުޅުނު މި މެޗު ފަށައިގެން ދެ ޓީމުން ވެސް އެޓޭކް ކުރެވޭތޯ މަސައްކަތްކުރަމުން ދިޔައިރު އާޖެންޓީނާ އިން ވަނީ މެޗުގެ 13 ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. ކޯނަރަކުން ރޮޑްރީގޯ ޑެ ޕޯލް އަވަސްކޮށްލާފައި ލިއޮނަލް މެސީ އަށް ދިން ބޯޅަ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލުމުން ގީޑޯ ރޮޑްރީގޭޒް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

މި މެޗުގައި އާޖެންޓީނާއަށް ލަނޑު ޖަހާނެ އިތުރު ފުރުޞަތުތަކެއް ލިބުނު ނަމަވެސް އެ ހަމަލާތައްވަނީ އުރުގުއޭގެ ކީޕަރު ފެނާންޑޯ މުސްލޭރާ ދިފާއުކޮށްފައެވެ. އަނެއްކޮޅުން އުރުގުއޭގެ ތަޖުރިބާކާރު ދެ ފޯރވާޑުންކަމަށްވާ އެޑިންސަން ކަވާނީ އާއި ލުއިސް ސުއަރޭޒް ވެސް ވަނީ އާޖެންޓީނާގެ ގޯލަށް ބާރު ބޮޑުކުރެވޭތޯ ބަލާފައެވެ. ނަމަވެސް މިއިން އެއްވެސް ކުޅުންތެރިއަކަށް އާޖެންޓީނާގެ ގޯލަށް ބޯޅަ ވައްދާލެވޭގޮތެއް ނުވިއެވެ.

މުބާރާތް ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕެއްގައިވެސް ފަސް ޓީމު ވާދަކުރާއިރު، މީގެ ތެރެއިން ހަތަރު ޓީމެއް އަނެއް ބުރަށް ހޮވޭނެ އެވެ. މިވަގުތައްބަލާއިރު  ގްރޫޕް އޭގެ އެއް 1 ވަނާގައި އޮތީ ބޮލިވިއާ އަތުން 1-0 އިން މޮޅުވެ 4 ޕޮއިންޓާއި އެކު ޗިލީ އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ގޯލުގެ ތަފާތުން އާޖެންޓީނާ އޮތީ 2 ވަނާގައެވެ. ދެ މެޗުން ތިން ޕޮއިންޓާ އެކު ތިން ވަނައިގައި ޕެރަގުއޭ އޮތްއިރު، ހަތަރެއްގައި އޮތް އުރުގުއޭ އާއި ފަސް ވަނައިގައި އޮތް ބޮލިވިއާ އަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close