އެއްވަނައަށް 2000 ރުފިޔާ ލިބިގެންދާ ރޯދަ ކުއިޒް މިއަހަރުވެސް ކުރިޔަށް ގެންދަނީ
މުޅި މުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ނާރެސް ރޯދަ ކުއިޒް މިއަހަރުވެސް ގެންދާގޮތަށް ނާރެސް ޓީމުންވަނީ ނިންމާފައެވެ.
ނާރެސް ޓީމުން މިކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެލައްވާ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ހާމަކުރައްވާގޮތުގައި މިއަހަރުވެސް މި ކުއިޒް ކުރިޔަށް ގެންދަވާނެކަމަށާއި މިދިޔަ އަހަރަށްވުރެ މިއަހަރު ކުއިޒުން އެކިއެކި ވަނަތަކަށްދާ ބައިވެރިންނަށް ލިބިގެންދާ ފައިސާގެ އިނާމުވެސް ބޮޑުވާނެކަމަށެވެ.
އެގޮތުން މިއަހަރުވެސް ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް ދީނީ ސުވާލަކާއި އިޚްތިޔާރީ 3 ޖަވާބެއް ގެނެސްދޭނެކަމަށެވެ. އަދި އެ ސުވާލުގެ ރަނގަޅު ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ދުވަހަކު 100 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން މުޅި މުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެކަމަށާއި މުބާރާތުގެ 2 ވަނައަށްދާ ފަރާތަކަށް 1000 ރުފިޔާ އަދި 3 ވަނައަށްދާ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެކަމަށްވެސް ޢަލީ ޒިޔާދު ވިދާޅުވިއެވެ.
މިއަހަރުވެސް ގެނެސްދެވޭ ސުވާލުތައް ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ސުވާލާއި އިޚްތިޔާރީ ޖަވާބުތައް ނާރެސް ވެބްސައިޓުން ފެންނަން ހުންނާނެކަމަށާއި ވެބްސައިޓަށް ޒިޔާރަތް ކުރައްވައިގެން ސުވާލުތަކުގެ ޖަވާބު ދެއްވޭނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓެވެ. އަދި ކޯ ސްޕޮންސަރ އިންނަކީ ނ.މަނަދޫ ނިއު ވީވް ފިހާރައާއި ނ.ލަންދޫ ސްމާރޓް ސެވަން އެވެ.