އެމެރިކާގެ ކްރޫޒް ޝިޕްގެ ފަސިންޖަރަކު މިދިޔަ އަންގާރަ ދުވަހު ބަހާމާސް ގައި ސްނޯކްލިންގައި އުޅެނިކޮށް މިޔަރެއް ހަމަލާދީ މަރާލައިފައިވާ ކަމަށް ލޯކަލް އޮތޯރިޓީތަކުން ބުނެފި އެވެ.
މި ހާދިސާ ހިނގީ ޕެންސިލްވޭނިއާގެ އުމުރުން 58 އަހަރުގެ އަންހެން މީހާ ނަސައޯ ކައިރީގައި އޮންނަ ގްރީން ކޭ ކައިރީގައި އެކްސްކަޝަނެއްގައި އުޅެނިކޮށެވެ.
ފުލުހުން ފަހުން ބުނީ ހަމަލާދިން މިޔަރަކީ ބުލް އާއިލާގެ މިޔަރެއްކަން ދެނެގަނެފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ހިނގި މިފަދަ ހާދިސާއެއްގައި 2019 ވަނަ އަހަރު އެމެރިކާގެ 21 އަހަރުގެ ފިރިހެނެއްގެ ފުރާނަވެސް ވަނީ ގެއްލިފަ އެވެ.
ބަހާމީގެ ފުލުހުންގެ ތަރުޖަމާނު ކްރިސްލީން ސްކިޕިންގްސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ އަންހެން މީހާ އުޅުނީ ލޯކަލް ޓުއާ ކުންފުންޏަކާއެކު އެކްސްކަޝަނެއްގައި ކަމަށާއި އެ ކުންފުންޏަކުން އޭނާ ގެންދިޔައީ މަޝްހޫރު ސްނޯކްލިން ސަރަހައްދަށް ކަމަށެވެ.
އާއިލާގެ މެމްބަރުންނާއި ޓުއާ ކޮމްޕެނީގެ މުވައްޒަފުންނަށް އޭނާއަށް ހަމަލާދޭތަން ފެނުމުން އޭނާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރިއެވެ. ލޯކަލް ނިއުސް އައުޓްލެޓެއް ކަމަށްވާ އައިވިޓްނެސް ނިއުސް އިން މިސް ސްކިޕިންގްސްއާ ހަވާލާދީ ބުނެފައި ވަނީ ޝިކާރައަކަށް ވެފައިވާ މީހާގެ ހަށިގަނޑުގެ އެތައްތަނަކަށް ފުން ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ.