ލަންދޫ ބޯޓަށް ދިމާވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ލަންދޫ ރައްޔިތުން ކާޑަށް ޖެހުމުން ސަލާމަތްކުރުމަށްޓަކައި ލަންދޫ ކައުންސިލް މެދުވެރިވެގެން ލަންދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
އެގޮތުން ރޭ ފުރި ސިޔާމްވޯލްޑްގެ ސަޕްލައިދޯންނިން ލަންދުއަށް 60 ބަސްތާ ކާޑު ފޮނުވުމަށް ލޯޑުކުރެވިފައިވާނެކަމަށް ކައުންސިލުން ބުނެއެވެ. އަދި އެތަކެތި މިރޭގެ ވަގުތެއްގައި ލަންދުއަށް ފޯރާނެކަމަށްވެސް ކައުންސިލުން ލަފާކުރެއެވެ.
ލަންދޫ ކައުންސިލުން ބުނީ ކާޑުގެ ބާވަތްތަކުގެ އިތުރުން ކައްކާ ގޭސް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
ލަންދޫ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ކޮންމެހެންވެސް ބޭނުންވާނެ ސާމާނު ފޯރުކޮށްދިނުމަށް ލަންދޫ ކައުންސިލުން މަސައްކަތް ކުރަމުންދާއިރު، އެތަކެތި ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ތަކެތި މާލޭކޮޅުން ގަތް އަގުގައި އިތުރު އެއްވެސް ފައިދާއެއް ނުލައި، ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލަކުން ކަމަށްވެސް ލަންދޫ ކައުންސިލުން ބުނެއެވެ.

އެހެންކަމުން ލަންދޫ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ދޫކުރާނެ ގޮތަކާއި މިންވަރެއް ކަނޑައެޅުމަށްޓަކައި ކާޑުގެ ބާވަތްތަކަށް މިވަގުތަށް ބޭނުން ޖެހިފައިވާ ފަރާތްތަކުން މިއަދުގެ ހެނދުނު 09:00 – 10:00 އާ ދެމެދު ކައުންސިލަށް ދުރުވެ ނަންނޯޓް ކުރުމަށްވެސް ކައުންސިލުންވަނީ ރައްޔިތުންނަށް އަންގާފައެވެ.
ލަންދޫ ކައުންސިލުން ބުނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ކޮންމެހެން މުހިންމުވާނެ ސާމާނު ފޯރުކޮށްދިނުމަށް ކުރިއަށް އޮތް ހަފްތާތަކުގައިވެސް ކައުންސިލުން މަސައްކަތްކުރާނެކަމަށާއި، އެގޮތުން އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ދުއްވާ މާލެދަތުރު ކުރާ އުޅަނދުފަހަރު މެދުވެރިކޮށް އެފަދަ ތަކެތި ލަންދޫ ރައްޔިތުންނަށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ދާކަމަށެވެ.
ލަންދޫ ބޯޓް އަޑިޔަށް ދިޔަހިތާމެވެރި ހާދިސާ ހިނގާފައިވަނީ މުދާބަރުކޮށްގެން މާލެއިން ފުރައިގެން ނ.އަތޮޅަށް ދިޔަ މަގުމަތީގައި ކ.ގާފަރުގެ ފުއްޓަރު ފަރާތަށް މިދިޔަ ބުދަ ދުވަހުއެވެ. ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ނުވިނަމަވެސް ބޯޓުން ގެންދިޔަ ވަރަށް ގިނަ މުދަލާއި، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް މުހިންމުވާނެ ވަރަށް ގިނަ ސާމާނު ސަލާމަތެއް ނުކުރެވުނެވެ.