ޓެކްކަރސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ށ.ނަރުދޫގައެވެ.
މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަތޮޅުތައްވަކިން ރަށްތަކުގެ މެދުގައި ބާއްވާ މުބާރާތެވެ. މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު 16:00 ގައި ކުޅޭއިރު އެމެޗުގައި ބައްދަލުކުރާނީ ށ.އަތޮޅު ހޯސްޓް އައިލެންޑް ނަރުދޫ އާއި ފޯކައިދޫއެވެ.
މި މުބާރާތުގެ ފުރަތަމަ ސެޓު 18 ވަނަ ދުވަހު ހދ.ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ހދ.އަތޮޅުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމުގެ ސަބަބުން މުބާރާތް ލަސްކުރަން މަޖުބޫރުވީ އެވެ.
ހދ. ސެކްޝަން މިހާރު ފަށާނީ ބްލޮކް 2، (ށ އަދި ނ އަތޮޅު) ނިންމާލުމަށް ފަހުއެވެ.
އަދި މިހާރު ޝެޑިއުލް ކުރެވިފައިވާ ގޮތަށް ބަލާއިރު، ށ.އަތޮޅު ސެކްޝަން ގެ މެޗްތައް 26 ޖަނަވަރީ ވާ ބުދަ ދުވަހު (މިއަދު)ން ފެށިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މިސެކްޝަން 2 ގްރޫޕަކަށް ބަހާލާފައިވާއިރު ށ. ގްރޫޕް އޭ ގައި ހިމެނެނީ ފޯކައިދޫ، ނަރުދޫ، އަދި ފީވަކެވެ. ގްރޫޕް ބީ ގައި ހިމެނެނީ މިލަންދޫ، ފުނަދޫ އަދި ނޫމަރާ އެވެ.
އަތޮޅުގެ ރައްތައް ދެ ގުރޫޕަށް ބަހަލައިފައިވާއިރު ކޮންމެ ގުރޫޕަކުންވެސް އެއްވަނަ ޓީމް އަތޮޅު ފައިނަލްގައި ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފައިނަލް މެޗުން މޮޅުވާޓީމަކީ އެ އަތޮޅެއްގެ އަތޮޅު ޗެމްޕިއަނުންނެވެ. ދެން ފައިނަލް ރައުންޑްގައި ބައްދަލުކުރާނީ ކޮންމެ އަތޮޅެއްގެވެސް ޗެމްޕިއަނުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލް ގައި ކުޅޭނެއެވެ. މުޅިމުބާރާތުގެ ޗެމްޕިއަނުންނަށް ހޮވޭނީ އެމެޗުން މޮޅުވާ ޓީމެކެވެ.
ކޮންމެ އަތޮޅެއްގެ މުބާރާތް ނިމުމުން، އެ އަތޮޅަކަށް އިނާމާއި މެޑަލް ދިނުމަށް ވަނީ ހަމަޖެހިފައިވާއިރު ވަކިވަކި ވަނަތަކާއި ކާމިޔާބު ކުރާ ޓީމުތައްވެސްހޮވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ޓެކްކަރސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ޓީމަށް 50،000/- ރުފިޔާ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ރަނަރަޕް ޓީމަށް 25،000/- ރުފިޔާ ލިބޭނެ އެވެ.