ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފިކުރުގައި މީގެ ކުރިން އުފެދި ހިންގި އެއްވެސް ޕާޓީއެއްގައި ނުފެންނަހާ ހަރުދަނާކަމާއި އިންތިޒާމުވެގެންވާ ތަރުތީބެއްގެ ތެރެއިން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ޕާޓީ ހިންގަވަމުން ގެންދަވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވ. ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޒީނާ އަހްމަދު ޕީއެންސީއަށް ސޮއިކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ޕާޓީ ހިންގަވަން ހަމަޖައްސަވާފައިވާ ހަރުދަނާ ތަރުތީބުތަކަކީ މީގެ ކުރިން އެއްވެސް ވެރިޔަކަށް ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ.
ޒީނާ ޕީއެންސީއާ ގުޅިވަޑައިގަތުމަށް ނިންމެވީވެސް ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކާއި ޕާޓީ ހިންގެވުމުގައި ގެންގުޅުއްވާ މި އުސޫލުތައް ގަބޫލުކުރައްވައި، ސަރުކާރާއި ޕާޓީއާއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާތީކަމަށް ޗެއާޕާސަން ފާހަގަކުރެއްވިއެވެ.
ޕާޓީގެ ރައީސާއި ލީޑާޝިޕާއި ގައުމީ މަޖިލީހުގެ އިތުރުން އާއްމު މެންބަރުންގެ ނަމުގައި ޒީނާއަށް މަރުހަބާ ވިދާޅުވަމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް ޕާޓީއާއެކު މަސައްކަތްކޮށްދެއްވުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވިއެވެ.
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި ޕާޓީގެ ހުރިހާ ގުނަވަނެއްގެ އަމާޒު ހިފާފައިވަނީ ދެވަނަ ދައުރަކަށް ރައީސް ޑރ. މުއިއްޒަށް އެ އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކަމަށާއި، ޕާޓީން މިހާރު ހިންގާ ކޮންމެ ހަރަކާތެއްވެސް ފަރުމާކުރަމުންދަނީ އެ އަމާޒަށް ވާސިލުވެވޭނެ ގޮތަށް ކަމަށެވެ.
ޕީއެންސީއަކީ ހުރިހާ އުމުރެއްގެ އަދި ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއްކަން ފާހަގަކުރައްވައި، ޕާޓީގެ ތެރެއިން ކޮންމެ މީހަކަށްވެސް އެމީހަކު ވާސިލުވާން ބޭނުންވާ ހިސާބަކަށް ދިއުމުގެ ފުރުސަތު އޮތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ހިތްވަރާއެކު ޕާޓީގެ ތެރެއިން ކުރިއަށްދިއުމަށް މަސައްކަތްކުރުމަށް އާއްމު މެންބަރުންނަށް އިލްތިމާސްކުރައްވަމުން ޗެއާޕާސަން ވަނީ ޕާޓީގެ ކުރިމަގު އުޖާލާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...